03 Feb 2014, 16:33
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 25 މެމްބަރުންގެ އިއްތިފާގުންނެވެ.
މައްސަލަ ހުށަހަޅުއްވަމުން އިންތި ވިދާޅުވީ އަލްހާނަށް ދިން ހަމަލާ އަކީ ބަޔަކު އަޑީގައި ތިބެގެން ކުރުވާފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކުން މިފަދަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް ވިދާޅުވީ ބޮޑެތި ޖަރީމާތައް ނުހުއްޓުވިގެން އުޅެނީ އެކަންކަން ހުއްޓުވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތައް ނުކުރާތީ ކަމަށެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ މިފަދަ ޖަރީމާތައް ހިންގާމީހުން ސީސީޓީވީ ކެމެރާތަކުގެ އެހީގައި ހޯދައި އެކަންކަން ހުއްޓުވަންޖެހޭނެ ކަމަށެވެ.
އަލްހާނަށް ތޫނޫއެއްޗަކުން ހަމަލާދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރު ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވުންތައް އެފަރާތްކުރުމަށް ފަހު މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކުރަން ޖެހޭކަމަށެވެ.
އަލްހާނަށް ހަމަލާދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުން ކަމަށްވާ ޏ. ފުވައްމުލައް، ދަޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާމަންޒިލް މުހައްމަދު ނަސީމްގެ ބަންދުގެ މުއްދަތު 10 ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.