އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތާޒުއްޝައިޚު މުހައްމަދު ރަޝީދު އިބްރާހީމަށް އިސްލާމިކް މިނިސްޓްރީގެ އެޑްވައިޒަރުކަން ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އެމަގާމަށް ޝެއިޚު ރަޝީދު އައްޔަންކުރެއްވީ މިއަދު ކަމަށެވެ.

މީގެކުރިންވެސް ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝެއިޚު ރަޝީދު އެ މަގާމަށް ހަމަޖައްސަވާފައި ވަނީ މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމާއި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަގާމުގެ އިތުރުން އެމަނިކުފާނު ފުރުއްވާފައިވާ ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ޖަސްޓިސް މިނިސްޓަރު ކަމުގެ މަގާމާއި، ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމު ހިމެނެ އެވެ.