ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގައި 100 މިލިޔަން މީހުން ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެއިއްތިޙާދުން ކުރި ދިރާސާއަކުން ވަނީ ހާމަވެފަ އެވެ. ޔޫރަޕްގެ އިއްތިޙާދުގެ ތަފާސްހިސާބުތަކާބެހޭ މަރުކަޒީ އޮފީސް (ޔޫރޯ ސްޓެޓް) އިން ކުރި މިދިރާސާ ބުނާގޮތުން އެއިއްތިޙާދުގައި ހިމެނޭ 27 ޤައުމެއްގައި 2008 ވަނަ އަހަރު 116 މިލިޔަން މީހުންނަށް ފަގީރުކަމުގެ ބިރު ކުރިމަތިވެގެން ދިޔަ އެވެ. މީގެތެރެއިންވެސް ފަގީރުކަމުގެ ނުރައްކަލާ އެންމެ ބޮޑަށް ކުރިމަތިލާންޖެހުނީ 81 މިލިޔަން މީހުންނަށް ކަމަށާ މިއީ މުޅި ޔޫރަޕްގެ އާބާދީގެ 17 އިންސައްތަކަންވެސް މިދިރާސާއިން ހާމަވެ އެވެ. މިދާރާސާއިން ހާމަވާގޮތުގައި މި 81 މިލިޔަން މީހުންނަކީ މިހާރުވެސް ޔޫރަޕްގެ ޤައުމުތަކުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ދިރިއުޅުމުގެ ޙާލަތު އެންމެ ދަށް މީހުންނެވެ. މީގެތެރޭގައި ގިނައީ އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގެ ރައްޔިތުންނެވެ. ޚާއްސަކޮށް ރުމޭނިޔާ، ބަލްގޭރިޔާ، ލެޓްވިޔާ ލިޓުއޭނިޔާގެ ރައްޔިތުން މީގެތެރޭގައި ނިސްބަތުން ގިނަ އެވެ. މިއީ ސޮވިއެޓް ޔުނިޔަން ރޫޅުމުގެ ކުރިން ކޮމިއުނިސްޓް ޤައުމުތަކެވެ. މިޤައުމުތަކުގެ އިޤްތިސާދު ސޯޝަލިޒަމުން ކެޕިޓަލިޒަމަށް ބަދަލުވިތާ ފަނަރަވަރަކަށް އަހަރުވިނަމަވެސް މިޤައުމުތަކުގެ އިޤްތިސާދަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައެއްނުވެ އެވެ. އަދި ސޯޝަލިޒަމުން ކެޕިޓަލިޒަމަށް ބަދަލުވުމުން އިރުމަތީ ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކޮމިއުނިޒަމްގެ ދުވަސްވަރަށްވުރެވެސް ދަށަށްދިޔަ އެވެ. އެއީ އެދުވަސްވަރު ރައްޔިތުންނަށް ދެމުން ގެންދިޔަ ސަބްސިޑީތައް ކަނޑާލުމާގުޅިގެންނެވެ. މީގެއިތުރުން ޑެންމާކާއި ސްވިޑްން އާއި ހޮލެންޑާއި ލަކްސަންބާގާއި ސްޕޭންގައިވެސް މިކެޓަގަރީއަށް ފެތޭ ފަގީރުން މަދު ޢަދަދަކަށް ހިމެނެ އެވެ. މިހާރުވެސް ޔޫރަޕްގައި ފަގީރުންގެ ގޮތުގައި 34 މިލިޔަންމީހުން އެބަތިއްބެވެ. ފަގީރުކަމުގެ ބިރާކުރިމަތިލާންޖެހޭ ކަމަށް ބެލެވިފައިވާ 100 މިލިޔަން މީހުންވެސް އެބަތިބިކަން  ޔޫރޯ ސްޓެޓްގެ ދިރާސާތަކުން ހާމަވެފައިވެ އެވެ. ޔޫރަޕްގައި ބަލާ ފަގީރުކަމުގެ މިންގަނޑ ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ބަލާ ފަގީރުކަމުގެ މިންގަނޑާ ތަފާތެވެ. ޔޫރަޕްގައި މޯބައިލް ފޯނާއި އަމިއްލަ ކާރުނެތުމާއި ވަޒީފާ ނެތުމާއި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ކަމަށްވާ ފެނާއި ކަރަންޓްގެ ބިލް ދެއްކުމުގެ ޤާބިލްކަން ނެތް މީހުންނަކީ ފަގީރުންނެވެ. ނަމަވެސް މިފަދަ މީހުންނަކީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަންވެސް (އާދައިގެ ގޮތަކަށް) ލިބޭ އަދި ސަރުކާރުން ސިއްޙީ ޢިނާޔަތްތައްވެސް ހިލޭ ލިބޭމިހުންނެވެ. ނަމަވެސް ތިންވަނަ ދުނިޔޭގައި ފަގީރުންގެ ގޮތުގައި ބަލަނީ މިއަށްވުރެ ދިރިއުޅުމުގެ ފެންވަރު ހުރިހާ ގޮތަކުންވެސް ދަށްމީހުންނަށެވެ. ޔޫރަޕްގައި ފަގީރުންގެ ލިސްޓަށްއަރާ ގިނަ މީހުންނަކީ ތަޢްލީމާއި މަސައްކަތުގެ ހުނަރުނެތް މީހުންނެވެ. މިފަދަ މީހުންނަކީ ޢާންމު ގޮތެއްގައި ވިއްސިިހާލިވެފައިވާ ޢާއިލާތަކަށް ނިސްބަތްވާ މީހުންކަމަށް ސަރވޭތަކުން ދައްކަ އެވެ.