ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުކަން ހޯދަމުން އަންނަ މެދުއިރުމަތީގެ މުއާސަލާތީ ހިދުމަތްދޭ ބިޔަ ކުންފުންޏެއް ކަމަށްވާ އުރީދޫއަށް މިޔަންމާގައި އޮޕަރޭޓް ކުރުމުގެ ހުއްދަ ރަސްމީކޮށް ލިބިއްޖެ އެވެ.

"އުރީދޫ މިޔަންމާ"އަށް މުވާސަލާތީ ހިދުމަތް ދިނުމުގެ ލައިސަންސް ރަސްމީކޮށް ހަވާލުކޮށްދިނުން އޮތީ، އެ ގައުމުގެ ވެރިރަށް ނޭޕައިޑޯގައި މިޔަންމާގެ ގުޅިފައިވާ ސަރުކާރުން ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. ޓެލެކޮމިއުނިކޭޝަން ލައިސަންސްއާއި ރަސްމީކޮށް ހަވާލުވެވަޑައިގަތީ، އުރީދޫ ގްރޫޕުގެ ޗެއާމަން ޝެއިހް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އައްސާނީ އާއި އުރީދޫ މިޔަންމާގެ ޗީފް އެގްޒެކެޓިވް ޑރ. ނާސިރު މަރާފިހާ އެވެ.

އެ ހަފްލާގައި އުރީދޫ ގްރޫޕްގެ ޗެއާމަން ވިދާޅުވީ، މިޔަންމާގައި ރަސްމީކޮށް އެކުންފުންޏަށް ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެގައުމުގެ ގުޅިފައިވާ ސަރުކާރާ ގުޅިގެން މިޔަންމާގެ ރައްޔިތުންނަށް ޒަމާނީ މުއާސަލާތުގެ ހިދުމަތް ފޯރުކޮށްދެވޭފަދަ ވިއުގައެއް ގާއިމު ކުރައްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިޔަންމާގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ޔޫ މިއަތު ހެއިން ވިދާޅުވީ، އެ ގައުމުގެ ސަރުކާރުން އުރީދޫއާ ދޭތޭރޭގައި ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބަ އޮތް ކަމަށެވެ. އަދި އުރީދޫގެ ސަބަބުން ގުޅިފައިވާ ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ފެނިގެން އެބަދޭ އުރީދޫ މިޔަންމާއިން މިގައުމުގައި ކޯޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން އެތައް ބައިވަރު ހަރަކާތްތަކެއް ހިންގަމުންދާތަން. އަދި ހަމަ އެޔާއެކު މިޔަންމާގެ އެތައްބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހުޅުވި އަދި ހާއްސަކޮށް ގިނަ އަދަދެއްގެ އަންހެނުންނަށް މިވަނީ ވަޒީފާތައް ލިބިފައި،" ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫއިން ބުނެފައިވަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މިޔަންމާގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ މޮބައިލް ކޮމިއުނިކޭޝަން ހިދުމަތް ފޯރުކޮށްދޭނޭ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ މަސްތަކުގައި އުރީދޫއިން ވަނީ މިޔަންމާގައި ތްރީޖީ ހިދުމަތްދޭނޭ އިންފްރާސްޓްރަކްޗަރެއް ގާއިމްކުރަމުންނެވެ. އަދި އެ މަސައްކަތް އެއްކޮށް ނިމުމުން ކައިރި މުސްތަގުބަލެއްގައި އެގައުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ކަމަށްވާ ފޯޖީގެ ހިދުމަތްވެސް ތައާރަފް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއަކީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭންފެށި ދެވަނަ ކުންފުންޏެވެ. އެ ގޮތުން 2005 ވަނަ އަހަރުގެ މެދުތެރޭގައި އެކުންފުނިން ރާއްޖޭގައި ދޭންފެށި މުވާސަލާތީ ހިދުމަތް ރައްގީކޮށް އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯޖީގެ ހިދުމަތް ތައާރަފްކުރުމުގެ ޝަރަފުވެސް ހޯދައިފަ އެވެ.