ދިވެހި ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން ހުށަހެޅި އިސްލާހު، މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަފީގު ހަސަން ހުށަހަޅުއްވާފައިވާ އިސްލާހު ބަލައިގަނެ ކޮމެޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ 40 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 20 ބޭފުޅުން ވޯޓުދެއްވިއިރު ވަކިކޮޅަކަށް ވޯޓު ދެއްވި މެމްބަރަކު ނެތެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި ހުއްދަ ނަގައިގެން ރާއްޖެ ގެނެވޭ ޖަނަވާރުން 35 ޕަސެންޓް ޑިއުޓީ ނެގުމަށް ހުށަހަޅާފައި ވެއެވެ. އަދި ކުކުޅާއި އަސްދޫންޏާއި ޓާކީގެ އިތުރުން ކުއެއިލް އާއި ފިޔޮއް ފަދަ އެއްޗެހިން ސުން ޕަސެންޓް ޑިއުޓީނެގުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ހަކުރުގެ ބާވަތްތަކާއި މެޓާ އަދި ޗުއިންގަމުގެ ބާވަތްކުގެ ތެރެއިން ކުރިން ސުން ޕަސެންޓް ނެގި މެޓާފަދަ ތަކެތިން ފަސް ޕަސެންޓް ޑިއުޓީ ނެގުމާއި ބަނގުރާ އެކުލެވޭ ބާވަތްތަކުން 50 ޕަސެންޓް ޑިއުޓީނެގުމަށް ވެސް ހިސްލާހުގައި ވެއެވެ. އަދި މީބާވަތްތަކުގެ އިތުރުން އެބައިގައި ހިމެނޭ ބާވަތްތަކުން ސުން ޕަސެންޓު ޑިއުޓީ ނެގުމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން ކަފަ ފިޔަވައި ގަސްގަހާގެހިން ނަގާފައި ހުންނަ ނަރު ނުވަތަ ކަރުދާހާއި ގަސްގަހާގެހީގެ ނަރުން ތައްޔާރުކޮށްފައިވާ ތަކެތިން ކުރިން ނަގަމުން އައި 25 ޕަސެންޓްގެ ޑިއުޓީގެ ބަދަލުގައި 15 ޕަސެންޓަށް ޑިއުޓީ ކުޑަކުރުމަށް ހުށައަޅާފައި ވެއެވެ.

ނިޓްކޮށްފައި ނުވަތަ ކްރޮޝޭކޮށްފައި ހުންނަ ބާވަތްތައް ފިޔަވައި ތައްޔާރީ ހެދުމާއި ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗެހީގެ ބައިން ކުރިން ނަގަމުން އައި 25 ޕަސެންޓުގެ ޑިއުޓީގެ ބަދަލުގައި 15 ޕަސެންޓަށް ޑިއުޓީ ކުޑަކުރުމަށް ހުށައަޅާފައި ވެއެވެ. އަދި ދަގަނޑާއި އެކަތައިގެ ބައިން ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް ހުށައަޅާފައިވެ އެވެ.

އެ އިސްލާހުތައް ހުށަހެޅި މަގުސަދުގެ ތެރޭގައި ހިމެނެނީ ޑޮލަރުގެ އަގަށާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އިމްޕޯޓް މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށް އިމްޕޯޓް ޑިއުޓީގެ މިންވަރުތަކަށް ބަދަލުގެނައުމަށް ކަމަށް އިސްލާހުތައް ހުށަހެޅުއްވި މެންބަރު ވިދާޅުވި އެވެ.