ރާއްޖޭގައި ބްރޯޑް ބޭންޑް ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ފެށުމާ ގުޅޭގޮތުން ވޯކްޝޮޕެއް މިއަދު ބާއްވައިފި އެވެ.

ވެލާނާގެ 12 ވަނަ ފަންގިފިލާގައި މިއަދު ބޭއްވި ވޯކްޝޮޕްގައި ވާހަކަ ދައްކަމުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކްޓިވް އިލިޔާސް އަހުމަދު ވިދާޅުވީ، ބްރޯޑް ބޭންޑް ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި އެކަން ކުރުމަށްޓަކައި މިހާރު ވަނީ މަސައްކަތް ފަށާފައި ކަމަށެވެ. އަދި މިހިދުމަތު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް މިއަދުގެ ވޯކްޝޮޕްގައި ވާހަކަ ދައްކަމުން އިލްޔާސް ވިދާޅުވި އެވެ.

"މިހިދުމަތަކީ ވަރަށް މުހިންމު ހިދުމަތެއް. މިހިދުމަތް ކަނޑައަޅާފައިވާ ސްޕީޑެއްގައި ލިބިގެންދާނެ. އޭރުން ގިނަ ބަޔަކަށް ގިނަ ފައިދާތަކެއް ކުރެވޭނެ" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ރާއްޖޭގައި ބްރޯޑް ބޭންޑް ޕޮލިސީއެއް އެކުލަވާލުމަކީ ސަރުކާރުގެ ޓާގެޓެއް ކަމަށާއި އެހެން ކަމުން މިކަން ކުރުމަށް ޓަކައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އަދި މިކަންކަން ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރަނީ ކިހިނެއްތޯ ބަލަމުން އަންނަ ކަމަށާއި އެގޮތުން އަވައްޓެރި ސްރީލަންކާ އާއި ސިންގަޕޫރުގައި މިކަންތައް ކުރާގޮތް މިހާރު ވާނީ ބަލާފައި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ކަމެއް. މިކަން ކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ. މިކަން ކުރުމަށް ތަފާތު އެކިއެކި ޓެކްނޮލޮޖީތައް އެބަހުރި. އެކަމުގެ މާހިރުންނާ މިހާރު މިދަނީ މަސްވަރާކުރެވި މައުލޫމާތުތައް ވެސް ހޯދަމުން." އިލިޔާސް ވިދާޅުވިއެވެ.

ބްރޯޑް ބޭންޑް ޕޮލިސީ އެކުލަވާލައި މަސައްކަތް ފެށުމާ ގުޅޭގޮތުން މިއަދު ވެލާނާގޭގައި ބޭއްވި ދެ ގަޑީރުގެ ވޯކްޝޮޕްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކަމާ ގުޅޭ ދާއިރާތަކުގެ އިސްވެރި ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި މިވަގުތު ބްރޯޑް ބޭންޑް އިންޓަނެޓްގެ ހިދުމަތް ދެނީ ދިރާގާއި ފޯކަސް އިންފޯކޮމް އިންނެވެ. އަދި އުރީދޫ އިން މޮބައިލް އިންޓަނެޓްގެ ހިދުމަތްދެމުން ގެންދެ އެވެ.

ރާއްޖޭގައި ފިކްސް ބްރޯޑް ބޭންޑް އިންޓަނެޓް ލައިންގެ އަދަދު މިހާރުވަނީ ވަރަށް ބޮޓުތަން އިތުރުވެފަ އެވެ. އަދި މޮބައިލް އިންޓަނެޓް ޔޫޒާގެ އަދަދު ވެސް ބޮޑު ތަނެއް އިތުރުވެފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.