03 Feb 2014, 14:04
ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެއްވިދާނެ އެހީތެރިކަން ދެނެގަތުމަށްޓަކައި ކުވޭތު ސަރުކާރުގެ ހާއްސަ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކުވޭތުގެ ހެލްތް މިނިސްޓްރީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިގެންދިޔައީ ނައިބު ރައީސް މުހައްމަދު ޖަމީލު އަަހުމަދު ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ފަތުރުފުޅުގައި ކުވޭތުގެ ހެތްތް މިނިސްޓަރު ޝައިޚް މުހައްމަދު އަބްދުﷲ އަލް-މުބާރަކް އަލް-ސަބާހާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި ކުވޭތު ސަރުކާރުން އެހީތެރިކަން ހޯއްދެވުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ.
ކުވޭތުގެ ހެލްތު މިނިސްޓްރީގެ ވަފުދުގެ ބޭފުޅުން، ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންތައްތައް ބައްލަވައިލެއްވުމަށްފަހު، ރާއްޖެއިން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން، މިހާރުން މިހާރަށް ބޭނުންވާ ކަންތައްތައް، ކުވޭތު ސަރުކާރުން ކޮށްދެއްވާނެ ކަމުގައި ކުވޭތުގެ މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ކުވޭތުގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެހެނިހެން ހިދުމަތްތެރިން ރާއްޖެއަށް ފޮނުއްވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ކުވޭތުގެ ހެލްތު މިނިސްޓަރު ދެއްވި އެވެ. އަދި ދެ ސަރުކާރުގެ ދެމެދުގައި ވާހަކަ ދެކެވި އިންތިޒާމުތައް ހަމަޖެހޭ ގޮތެއްގެ މަތިން ޑޮކްޓަރުން ފޮނުއްވައި ދެއްވައި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގައި ކުވޭތު ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި އެވެ. މިގޮތުން ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގައި ކުވޭތު ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމުގައިވެސް ކުވޭތުގެ ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.