ސަރުކާރުން މުސާރަދޭ ޑޮކްޓަރުންގެ މުސާރަތައް މިދިޔަ މަހުން ފެށިގެން ބޮޑުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގީލާ އަލީ މިއަދު "ސަން" އަށް ވިދާޅުވީ ޑޮކްޓަރުންގެ މުސާރަތަކަށް މިދިޔަ މަހުން ފެށިގެން މުސާރަތައް ބޮޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވި އެވެ.

ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މުސާރައިގެ ތަފްސީލްތައް ނުދެއްވައި އޭނާ ވިދާޅުވީ "އެކަމާ ބެހޭ ނޫސް ބަޔާނެއް އަޅުގަނޑުމެން ނެރޭނަން" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މުސާރަތަކަށް ބަދަލުތައް ގެނައީ އެ ޑޮކްޓަރެއްގެ ތައުލީމީ ފެންވަރާއި ގައުމަށް ހިދުމަތްކޮށްދެއްވާފައިވާ މިންވަރަށް ބަލައިގެން ކަމަށެވެ. އަދި ބޮޑުކުރި މުސާރަތަކާ އެކު އެ ޑޮކްޓަރުން ބަލި މީހުން ބަލާ ގަޑިތައް އިތުރުކޮށްފައިވާ ކަމަށާއި ނަމަވެސް އަމިއްލަ ކްލިކްތަކަށް ދިޔުމުގެ ފުރުސަތު އަދި ވެސް އޮންނާނެ ކަމަށް ގީލާ ވިދާޅުވި އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލް ހިންގުމާ ހަވާލުހުންނެވި އިސް ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ފަހުން ކަނޑައެޅި "މުސާރަތަކާ މެދު ވަރަށް ހިތްހަމަނު ޖެހޭ" ކަމަށެވެ. ތަފްސީލެއް ވިދާޅެއް ނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޑޮކްޓަރުންގެ މުސާރަތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ބައެއް ޑޮކްޓަރުން ދަނީ ގިނަ ޝަކުވާތަކެއްކޮށް ހެލްތު މިނިސްޓްރީގެ އިސް ފަރާތްތަކާ އެކަމާ ގުޅިގެން ބައްދަލުކުރަމުންނެވެ.