03 Feb 2014, 13:15
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓެރީކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ މައްޗަންގޮޅި ކަނެސްކާ، ޑރ. އަތާއުﷲ އަހުމަދު ރަޝީދެވެ. އޭނާ އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނާއިބު ފެންވަރުގަ އެވެ.
ޑރ. އަތާއުﷲ އަހުމަދު ރަޝީދު ޕީއެޗްޑީ ހާސިލު ކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކްއީންސްލޭންޑުން ޕޮލިޓިކަލް ސައިންސްގެ ރޮނގުންނެވެ.
ޑރ. އަތާއުﷲ އަކީ 1998 ވަނަ އަހަރު ހާރިޖީ ދާއިރާއާ ގުޅިވަޑައިގެން އެ ދާއިރާގެ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވައި، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މިގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޑެސްކް އޮފިސަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވާފައިވެ އެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަންގަޔާއި ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ވެސް ހިދުމަތް ކުރައްވާފައިވެ އެވެ.