03 Feb 2014, 13:13
ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ރިސޯޓްތަކުގެ އިސް ފަރާތްތަކާ ދެމެދު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ނޭޝަނަލް ކެރިއާ ގައިޑެންސް ސެންޓަރު (އެންސީޖީސީ )އިން ހަދާފައިވާ ވެބްސައިޓް (www.yes.mv) ނުވަތަ "ވަޒީފާގެ ދަފްތަރު" އާ ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމަށް ޕްރެޒެންޓޭޝަނެއްދީފައިވެ އެވެ.
ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާ އެކު ބޭއްވި އެ ބައްދަލުވުމުގައި އެ ވެބްސައިޓާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
އެންސީޖީސީ އިން ބުނީ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް، އެ ވެބްސައިޓް މެދުވެރިކޮށް ގުޅުވައިދޭނެ ކަމަށެވެ. އަދި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ބޭފުޅުންގެ މައުލޫމާތުތައް ހިމެނޭ ފޯމެއް އޮންލައިންކޮށް ރަޖިސްޓާ ކުރުމަށް ފަހު އަމިއްލަ ޕްރޮފައިލް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކާ ގުޅިގެން ދާނެ ކަމަށެވެ. އަދި ވަޒީފާދޭ ފަރާތްތަކުން ވެސް އެބޭފުޅުންގެ ފަރާތުން ހުޅުވާލެވިފައި ހުރި ވަޒީފާތައް އެ ވެބްސައިޓްގައި ނޯޓްކުރެވިގެން ދާނެކަމަށް ވެސް އެންސީޖީސީ އިން ބުނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ އެފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ޓޫރިޒަމް ހިއްސާވާ ހުރިހާ ވުޒާރާތައް ގުޅިގެން، ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް ހިއްސާކޮށްދީ ވަޒީފާ ލިބޭނެމަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހި ޒުވާނުންގެ ތެރެއިން ގާތްގަނޑަކަށް 10،000 ޒުވާނުން ވަޒީފާ ބޭނުންވާކަމުގައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ވެބްސައިޓެއް ހުޅުވާލައި ވަޒީފާގެ ދަފްތަރުގައި ވަޒީފާދޭ އެކިއެކި ފަރާތްތައް ރަޖިސްޓްރީ ކުރެވިއްޖެ ނަމަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރަށް ހުލުވާލެވިގެން ދާނެކަމަށް ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.