ޗައިނާގެ އިންވެސްޓްމަންޓްތައް އިނގިރޭސިވިލާތަށް ލިބުން ވަރަށް މުހިއްމުކަމަށް އިނގިރޭސި މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ. އިނގިރޭސިވލާތުގެ ވިޔަފާރިއާއި ފޮރިން އިންވެސްޓްމަންޓާބެހޭ ކޯޕަރޭޝަންގެ ޗެއަރމަން އެންޑްރޫ ކޭން ވިދާޅުވީ ޗައިނާ އީސްޓަން އެއަރލައިނާއި އިނގިރޭސިވިލާތުގެ ރޯލްޒް ރޮއިސް އާ ދެމެދު އެކެއް ޕޮއިންޓް ދޭއް ބިލިޔަން އެމެިރކާ ޑޮލަރުގެ އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކޮށްފައިވާ ކަމުގަ އެވެ. މިއީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން މިދިޔަ ޑިސެމްބަރމަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ލިބުނު ޗައިނާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށާއި ޗައިނާގެ އިންވސްޓްމަންޓްތައް އިނގިރޭސިވިލާތުގެ ކުރިއެރުމާއި ތަރައްޤީއަށް ވަރަށް މުހިއްމު ކަމަށް ކޭން ވިދާޅުވި އެވެ.


އިނގިރޭސިވިލާތުގެ އިޤްތިސާދަށް ތާޒާކަމާއި އާރޯކަން ގެނައުމަށްޓަކައި ކުރިއަރަމުން އަންނަ އިޤްތިސާދުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް އިނގިރޭސި ސަރުކާރުން ބޮޑު އިސްކަމެއް ދޭކަމަށް އިނގިރޭސި މަސްއޫލުވެރިޔާ ވިދާޅުވި އެވެ. އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ އިނގިރޭސިވލާތުން ޗައިނާއާއެކު ބާއްވާ އިޤްތިސާދީ ގުޅުންތައް އިތުުރަށް ފުޅާކުރުމާބެހޭގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށް ވަނީ ބެލެވިފަ އެވެ. ކުރިޔަށްއޮތް ފަސް އަހަރު ތެރޭގައި އިނގިރޭސިވިލާތާއި ޗައިނާގެ ވިޔަފާރި އަހަރަކު ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރަށް މަތިކުުރުމަށް މަސައްކަތް ކުރަމުން ގެންދާކަން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުންވަނީ ހާމަކޮށްފަ އެވެ. އިނގިރޭސިވިލާތުން މިހާރުވަނީ އެމެރިކާއާއެކު ބާއްވަމުންގެންދިޔަ ފަދަ ޚާއްސަ އިޤްތިސާދީ ގުޅުންތަކެއް ހަލުއިކަމާއެކު ކުރިއަރަމުން އަންނަ ޗައިނާއާއި އިންޑިޔާއާއި ބްރަޒީލްފަދަ ޤައުމުތަކާއެކު ބާއްވަން ފަށާފަ އެވެ. އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަން ޙައްލުކުރުމަށްޓަކައި އިޤްތިސާދީ އާ ވިސްނުމެއް ގެންގުޅެން ޖެހިފައިވާ ކަމަށްވެސް ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ ވިދާޅުވެފަ އެވެ.