03 Feb 2014, 13:08
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހ. ލޮބީ މުހައްމަދު ކިނާނަތު އަހްމަދު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެދަށުގައި ކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ކިނާނަތު ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:00 އެހައިކަންހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބްރޭކް ވޯޓާ ރެސްޓޯރަންޓް ތެރެއިން އަލްހާނަށް ވަޅިން ހަމަލާދިންތާ ކުޑަވަގުތު ކޮޅެއްގެ ތެރެއިން އެ ސަރައްދުންނެވެ.
ކިނާތަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ހުސައިން ހުމާމް އަހްމަދުގެ ބޭބެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ ކިނާނަތަކީ މިދިޔަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ސްޓާ ސިނަމާ ކައިރިން ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ވެސް ހައްޔަރު ކުރި މީހެކެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފުލުހުން މިހާރު ވަނީ ޕްރިސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.