ސްޕެއިން ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-1 އިން އެއްވަރުވެ ރެއާލް މެޑްރިޑަށް ތާވަލުގެ ދެވަނަ ހޯދަން ލިބުނު ފުރުސަތު އެޓީމުން ގެއްލުވައިލިއިރު އެ މެޗުގައި ރަތްކާޑު ދައްކައި ދަނޑު ފޮނުވާލުމުގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ.

ފީފާ ބެލޮންޑިއޯ އެވޯޑް އެންމެ ފަހުން ހޯދި، ރެއާލްގެ ޕޯޗުގީޒްގެ ކެޕްޓަނަށް ސީދާ ރަތްކާޑެއް ދެއްކީ ބިލްބާއޯގެ ކާލޯސް ގުރްޕެޖީއާ މާރާމާރީ ހިންމުގެ ސަބަބުންނެވެ. މިއީ ރޮނާޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާއަށް ދެއްކި ހަތްވަނަ ރަތްކާޑެވެ. އަދި މި ކާޑުގެ ސަބަބުން އޭނާ ތިން މެޗަށް ސަސްޕެންޑް ކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ލަނޑެއް ކާމިޔާބުކޮށް ކުރިހޯދީ ރެއާލް އިންނެވެ. ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 65 ވަނަ މިނިޓްގައި އެޓީމަށް ލަނޑު ޖަހައިދިނީ ޖެސޭ އެވެ. އެހެން ނަމަވެސް ރެއާލްއަށް އެ ނަތީޖާގައި ހިފަހައްޓައިލެވުނީ އެންމެ އަށް މިނިޓު ވަންދެނެވެ. މެޗުގެ 73 ވަނަ މިނިޓުގައި ބިލްބާއޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބާއީ ގޮމޭޒް އެވެ.

ބިލްބާއޯ އަތުން އެއްވަރުވުމާއެކު ރެއާލްއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު މިވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް މިސީޒަންގެ މިހާތަނަށް ކާލޯ އެންޗެލޮޓީގެ ޓީމުން ވަނީ މެޗަކުން ބަލި ނުވެ ޖެހިޖެހިގެން 20 މެޗު ހަމަކޮށްފަ އެވެ.

މި ނަތީޖާއާ އެކު 54 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް ބާސާގެ ކުރިއަށް އަރަން ރެއާލްއަށް ލިބުނު ފުރުސަތު ގެއްލުނު އިރު އެޓީމު ތާވަލުގެ ތިންވަނައިގައި އޮތީ ބާސާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުންނެވެ. ތާވަލުގެ އެއްވަނައިގައި އޮތީ 57 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އެވެ. އަދި 43 ޕޮއިންޓާއެކު ބިލްބާއޯ އޮތީ ހަތަރުވަނައިގަ އެވެ.