03 Feb 2014, 12:48
ހުޅުމާލެއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ހ. ވީސަންގޭ މުހައްމަދު ނާއިފްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހުގެ ރޭ 11:50 އެހައިކަންހާއިރު ހުޅުމާލެއަށް ދިޔަ ފެރީއަކުން އޭނާ އެރަށަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފެރީން ފައިބައިގެން ފެރީޓާމިނަލް ކުރިމަތީ އޮންނަ މަގަށް ނާއިފް އެޅިވަގުތު ފުލުހުން ފެނުމާ އެކު އޭނާ ދުއްވައިގަތް ކަމަށާއި އެވަގުތު އަންނައުނުގެ ތެރެއަށް އަތްލުމަށްފަހު އޭނާ ބިންމައްޗަށް އެއްޗެއް ވައްޓާލިކަމަށް ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށެވެ.
އޭނާ އެއްލާލި އެތި ނަގައި ބެލިއިރު އެއީ ޕްލާސްޓިކް ކޮތަޅެއް ކަމަށާއި އޭގައި ހުރީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ކަމަށް ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހުން އެނގެން އޮންނަކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެތަކެތި ތަހުލީލު ކުރި އިރު އޭގައި 227.4 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމުގައި އޭނާ އަށް ވަނީ އަންގާފަ އެވެ.