03 Feb 2014, 12:24
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް ކޮޅަށް އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ޖަހައިދިން ދެލަނޑާއެކު 2-0 އިން މޮޅުވެ އާސެނަލް އަނެއްކާވެސް ލީގު ތާވަލުގެ ކުރި ހޯދައިފި އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. އެގޮތުން ޗެމްބަލެއިން މި ސީޒަންގައި ޖެހި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނިޓްގައި އޭނާ ކާމިޔާބުކުރީ ސަންޓި ކަޒޯލާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކުރީ އޮލިވިއާ ޖިރޫ ތަނަވަސްކޮށްފިން ފުރުސަތަކުންނެވެ.
މި ނަތީޖާއާ އެކު 24 މެޗު ކުޅެގެން 55 ޕޮއިންޓާއެކު އާސެންނަލް އަށް ތާވަލުގެ ކުރި ލިބިފައިވީ ނަމަވެސް ތާވަލުގެ ދެވަނައިގައި 53 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ސިޓީ، 50 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އާސެނަލްއަށް ތާވަލުގެ ކުރި ގެއްލޭނެ އެވެ. އާސެނަލް އަތުން ބަލިވެ ކްރިސްޓަލް ޕެލަސް އޮތީ 23 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގަ އެވެ.
މެޗަށްފަހު ޗެމްބަލެއިން ބުނީ، ފަސް މަސްދުވަހު އަނިޔާގައި ހުރުމަށްފަހު ކުޅެން ނުކުތުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ގިނަ ދުވަސްތަކަކު ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް. އެކަމަކު މެޗަށް ނުކުންނައިރު އަބަދުވެސް ޖެހޭނެ ވިސްނުމުގައި ބަހައްޓަން ޖެހޭނީ ޕޮޒިޓިވް ވިސްނުމެއް. އޭރުން ރަނގަޅު ކުޅުމެއް ދެއްކޭނީ،" އާސެނަލް މޮޅުކޮށްދިން ކުޅުންތެރިޔާ ބުންޏެވެ.
ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު އާސީން ވެންގާ ވަނީ އޭނާގެ ކްލަބުން ހޯދި ޖކާމިޔާ ފަހަގަކޮށް ކުޅުންތެރިންނަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ހާއްސަކޮށް އޭނާ ވަނީ ޗެމްބަލެއިން އަށް ތައުރީފު ކޮށްފަ އެވެ.
"ވަރަށް މޮޅުކުޅުމެއް ޗެމްބަލެއިންގެ ފަރާތުން ފެނިގެން ދިޔައީ. ވަރަށް ގިނަދުވަހު ކުޅުމާ ދުރުގައި ހުރެފައި އޭނާ ކުޅެން ނުކުތީ. އެހެންކަމުން އަހަރެމެން އެބަޖެހޭ ކެތްތެރިކަމާއެކު ބަލަން ތިބެން،" ވެންގާ ބުންޏެވެ.
ކްރިސްޓަލް ޕެލަސްގެ ކޯޗު ޓޯނީ ޕިއުލިސް ބުނީ، މެޗުގައި ނަތީޖާ ނެރެން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ދިޔަ ކަމަށެވެ. އަދި އާސެނަލް ފަދަ ވަރުގަދަ ކްލަބަކާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ރަނގަޅު ރައްދެއް ދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް އެޓީމުގެ ދަނޑުގައި ލިވަޕޫލް ކުޅުނު މެޗު ނިމުނީ، 1-1 އިން އެއްވަރު ވެގެންނެވެ. އެ ނަތީޖާއާ އެކު ލިވަޕޫލް އޮތީ 47 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. އަދި 23 ޕޮއިންޓާއެކު ވެސްޓް ބްރޮމް އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.