ހޯޒޭ އިވާން އަކީ މިޔަރުގެ މަސްވެރިކަން ކުރާ މީހެކެވެ. އުފަން ގައުމު އަލް ސަލްވެޑޯރް ދޫކޮށް މެކްސިކޯގައި އޭނާ އުޅޭތާ 15 އަހަރު ވެއްޖެ އެވެ. އެހެން މީހަކާ އެކު މަސްވެރިކަން ކުރަން ނުކުތީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށް އޭނާ ބުނެ އެވެ.

މީގެ 14 މަސް ދުވަސް ކުރިން ފެށި މަސްވެރިކަމުގެ ދަތުރުގައި އެދެވެރިން ބެހި، ގެއްލިގެން ދިޔައީ 24 ފޫޓްގެ ބޯޓްގެ އިންޖީނު ހަލާކުވެގެންނެވެ. ހޯޒޭ އިވާންގެ ވާހަކަތައް އޭނާ އެންމެ ފުރަތަމަ ކިޔައިދިން، އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން މިއަދު ވަނީ އެވާހަކަ ޝާއިއުކޮށްފަ އެވެ.

އޭނާ ކިޔައިދީފައިވާ ގޮތުގައި އޭނާއާ އެކު ދަތުރުގައި ބައިވެރިވި އަނެއް މީހާ ހަތަރު ހަފުތާ ތެރޭގައި ވަނީ މަރުވެފަ އެވެ. އޭނާ ދިރި ދުނިޔޭގައި ހުރީ ރޯމަސް ކައިގެންނެވެ. އަދި ބޯފެން ނުލިބުމުން ވެލާ ހިފައި އޭގެ ލޭވެސް ބުއި ކަމަށް ބުނެފައިވެ އެވެ.

ކަނޑުގެ ރާޅުތަކުގެ ތެރޭގައި އެކަނިމާ އެކަނި 14 މަސް ދުވަސް ހޭދަކުރި ފަހުން އޭނާ އަށް ދެވުނީ ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ މާޝަލް އައިލެންޑްސްގެ އެބޮން އަތޮޅަށެވެ. އޭނާ ސަލާމަތްކޮށްގެން އެއްގަމަށް ގެންދިޔައީ އެއަތޮޅުގެ ބައެކެވެ.

ހޯޒޭ ބުނެފައިވާ ގޮތުގައި ކަނޑުމަތީގައި ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އެހާ ރަނގަޅަކަށް ނެތެވެ. އަބަދުވެސް ވިސްނަމުން ދިޔައީ އާއިލާއާ ދޭތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.

"އެތާނގައި (ކަނޑުމަތީގައި) އަހަރެންނަށް ވީ ކަންތައްތައް ހަނދާން ވާނެ ނަމައޭ ހިތަށް އަރާ. އަހަންނަށް ހީވަނީ އެކަންތައްތައް ހަނދާން ކުރަން އަހަންނަށް ވަގުތު ބޭނުންވާނެހެން. އަހަރެންނަށް އިނގޭ އަހަރެން އަބަދު ވެސް ވިސްނަމުން ދިޔައީ އާއިލާއާ ދޭތެރޭގައި ކަން. އަހަރެންނަށް އެނގޭ އެމީހުން ތިބޭނީ އަހަރެން މަރުވީ ކަމަށް ހީކޮށް ހިތާމައިގައި ކަން،" ޑެއިލީ މެއިލްއަށް ދިން އިންޓަވިއުގައި އޭނާ ބުނެފައިވެ އެވެ.

ހޯޒޭ މިހާރު ހުރީ މާޝަލް އައިލެންޑްސްގެ ވެރިރަށް މަޖޫރޯގަ އެވެ. އޭނާ ބޭނުން ވަނީ އާއިލާގެ ގާތަށް މެކްސިކޯ އަށް ވީހާ އަވަހަކަށް ދިއުމަށެވެ. ނަމަވެސް އޭގެ ކުރިން އޭނާ އަށް ސިއްހީ ފަރުވާ ބޭނުންވެ އެވެ.