03 Feb 2014, 12:12
ގއ. ވިލިނގިލިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު 16 އަހަރުގެ ކުޑަކުއްޖަކާއި 19 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ.
ފުލުހުންބުނީ، ވަކިވަކިން ހިންގި އެ ދެ އޮޕަރޭޝަންގައި 16 އަހަރުގެ ކުއްޖާ އަތުލައިގަތީ، މާލެއިން ކޫއްޑޫއަށް އަންނަ ކުއްޖަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ 3:30 ހާއިރު ގއ. ވިލިނގިލިން ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރުމުން އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސް ޕެޓީ ކޮތަޅުގެ ހަތަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގއ. ވިލިނގިލިން އަތުލައިގަތް 19 އަހަރުގެ ޒުވާނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ ދިރިއުޅެމުންދާ ގެއިން އިއްޔެ 3:45 ހާއިރު ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރުމުން އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ހުސް ރަބަރު ޕެކެޓާއި ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އެ ދެ މައްސަލައިގެ ތަހުގީގު ވެސް ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ 16 އަހަރުގެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގއ. މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.