03 Feb 2014, 11:57
ބަޣްދާދު (ފެބްރުއަރީ 3): ޢިރާޤުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ފަލޫޖާއިން ހަނގުރާމަވެރި ޖަމާއަތްތައް ބޭރުކުރުމަށް ހިންގާ ޢަސްކަރީ އޮޕަރޭޝަން ޢިރާޤު ސިފައިން ފަށައިފި އެވެ.
ފަލޫޖާ ވަށާލާފައިވާ ޢިރާޤު ސިފައިން އެ ރަށުގައިވާ ހަނގުރާމަވެރިންގެ އަމާޒުތަކަށް ރޭގައި ވައިގެ މަގުންނާއި އެއްގަމުން ޙަމަލާތައް ދޭން ފަށާފައިވާ އިރު ޢިރާގުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވަނީ ފަލޫޖާގައި ފައިހަރުކޮށްލައިގެންތިބި ހަނގުރާމަވެރި ޖަމާއަތްތައް އެ ރަށުން ފައްސާލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ފަލޫޖާގައި ފައިހަރުކޮށްލައިގެންތިބި ހަނގުރާމަވެރިންގެ ތެރޭގައި އެންމެ ގިނައީ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ޝާމް" ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް އިރާޤު ސަރުކާރުން ބުނެ އެވެ.
އަލްގާއިދާ އަށް ނިސްބަތްވާ އެ ޖަމާއަތުގެ ހަނގުރާމަވެރިން މިދިޔަ ޖަނަވަރީ މަހު، ޢިރާގުގެ ހުޅަނގުގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ފަލޫޖާ އާއި ރަމާދީ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވެ އެވެ. ނަމަވެސް އިރާގު ސިފައިން ވަނީ ރަމާދީ އަށް ވަރުގަދަ ޙަމަލާތަކެއްދީ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ޝާމް" ޖަމާއަތުގެ ހަނގުރާމަވެރިން އެ ރަށުން ބޭރުކޮށް އެ ރަށުގެ ބޮޑުބައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން ގެނަސްފަ އެވެ.
ފަލޫޖާއިން ވެސް މިގޮތަށް ހަނގުރާމަވެރި ޖަމާއަތްތައް ބޭރުކޮށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެ ރަށް ގެންނާނެ ކަމަށް އިރާޤުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ ވަނީ ރައްޔިތުންނަށް ވައުދުވެވަޑައިގެންފަ އެވެ. (ރޮއިޓާސް)