03 Feb 2014, 11:55
ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން 4-0އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑް ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.
މިއީ 1996ގައި ލީގު ކާމިޔާބުކުރި ފަހުން އެތުލެޓިކޯއަށް ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައަށް އެރުނު ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގައި އެ ކްލަބުން ވަނީ، އިއްޔެގެ ވަގުތެއްގައި މަރުވި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އަރަގޮނިސްގެ ހަނދާން އާކޮށްފަ އެވެ.
ރޭގެ މެޗުގައި އެތުލެޓިކޯއަށް ސޮސިއެޑާޑްގެ ގޯލް ހުޅުވާލަދިނީ މެޗުގެ 38 ވަނަ މިނިޓްގައި ޑިއެގޯ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ޑޭވިޑް ވިޔާ އެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.
އެތުލެޓިކޯގެ ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި ޖަހައިދިނީ ޑިއެގޯ ކޮސްޓާ އެވެ. އަދި އޭގެ ދެ މިނިޓުފަހު މިރަންޑާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެތުލެޓިކޯގެ ހަތަރުވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ޑިއެގޯ ރިބާސް އެވެ.
މިނަތީޖާއާއެކު ލީގުގައި ޖުމުލަ 22 މެޗު ކުޅެގެން 57 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތްއިރު ހަމަ އެއަދަދަށް މެޗު ކުޅެގެން 54 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ، ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވެލެންސިޔާ އަތުން 3-2 އިން ބަލިވި ބާސެލޯނާ އެވެ. ތިންވަނައިގައި އޮތީ 54 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އެވެ. އަދި ސޮސިއެޑާޑް އޮތީ 36 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ.
މެޗަށްފަހު އެތުލެޓިކޯގެ އާޖެންޓީނާ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ ސޮސިއެޑާޑް އިން ވަނީ އެ މެޗުގައި އޭނާގެ ޓީމަށް އުނދަގޫތަކެއް ކުރިމަތި ކުރުވާފައި ކަމަށެވެ.
"ލަނޑުޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ނުއުފައްދައި، ސޮސިއެޑާޑް އިން ވަނީ އަހަރެމެންނަށް އުނދަގޫތަކެއް ޖައްސާފައި،" ސިމިއޮނީ ބުންޏެވެ. "ޑިފެންސް ކުރުމަކީ އަހަންނަށް މައްސަލައެއް ނޫން. އެކަމަކު މައްސަލައަކީ އެޓޭކް ނުކޮށް ކުޅުން."