15 Dec 2010, 10:36
ޑީއާރްޕީން ރޭ ބޭއްވި ޖަލްސާގައި ފެނިގެން ދިޔައީ ޕާޓީ އެތެރޭގެ ޑިމޮކްރެސީގެ އަމަލުތަކެއް ނޫން ކަމަށާއި އެއީ ބަޔަކު ހިންގި މާރާމާރީއެއް ކަމަށް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް ޑީއާރްޕީން ހުށަހެޅި ރުހުން ނެތް ވަޒީރުންގެ މައްސަލަ އެ ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން އެކަމުގެ އުފާފާޅުކުރުމަށް ރޭ ޣިއާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާ އަށް، ޑީއާރްޕީން ވަކިކުރުމަށް ނިންމާފައިވާ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވަދެވަޑައިގަންނަވަން އުޅުއްވުމުން އެތަނުގައި ހިނގި ހަމަނުޖެހުމާއި މާރާމާރީ ކުށްވެރިކުރައްވައި ތަސްމީން ވިދާޅުވީ، ޑީއާރްޕީއަކީ ޑިމޮކްރެޓިކް އުސޫލްތަކަށް ތަބާވާ ޕާޓީއެއް ކަމަށާއި ނަމަވެސް ރޭގެ ޖަލްސާގައި ފެނިގެންދިޔައީ އެ އިންޓާނަލް ޑިމޮކްރެސީގެ އަމަލުތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީއެއް. އެތެރޭގެ ޑިމޮކްރެޓިކް އުސޫލްތަކެއް އޮވޭ. އޭގެ ތެރޭގައި މާރާމާރީ ހިންގުމެއް ހަމަގައިމުވެސް ނުހިމެނޭ. އެހެންވީމާ ރޭގައި އެ ފެނުނީ އިންޓާނަލް ޑިމޮކްރެސީގެ އަމަލުތަކެކޭ ދަންނަވާނެ ޖާގައެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޑީއާރްޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގައި ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ، ޑީއާރްޕީ ޖަލްސާގައި ހިންގި މާރާމާރީއަކީ ޖިނާއީ ކުށެއް ކަމާށްވާތީ، އެ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، މައްސަލަ ހުށަހެއްޅުއްވީ އުމަރާ ދެކޮޅަށްތޯ ދެންނެވުމުން ތަސްމީން ވިދާޅުވީ، އެ މައްސަލާގައި "ވަކި ބޭފުޅަކާ މެދު ތުހުމަތުކޮށްފައި ނޯންނާނެ" ކަމަށެވެ.
ތަސްމީން އިތުރަށް ވިދާޅުވަނީ، "ޒިންމާވަން ޖެހޭ ކޮންމެ ފަރާތަކާ މެދު، ފިޔަވަޅު އެޅެންވާނެ، އެއީ ކޮންމެ ފަރާތަކަށް ވިޔަސް،" ކަމަށެވެ.
ނަމަވެސް، އެ ހަމަނުޖެހުމުގައި ޑީއާރްޕީގެ ބައެއް ޕާލިމެންޓްރީ ގްރޫޕް މެމްބަރުންނާއި ކައުންސިލް މެމްބަރުން ވެސް ހިމެނޭތީ، އެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅުއްވާނެތޯ ދެންނެވުމުން ތަސްމީން ވިދާޅުވީ، އެ މައްސަލަ ނިންމާނީ، ޑީއާރްޕީގެ ޑިސިޕްލިނަރީ ކޮމިޓީން ކަމަށާއި އެއާ ދޭތެރޭ ވަކި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި، ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމާއި ތަސްމީނާ ދެމެދު އޮތް ގުޅުން "ހީނަރުވަމުންދާ" ކަމަށް ދެކެވޭ ވާހަކަތަކަށް ނޫސްވެރިން ތަކުރާރުކޮށް ސުވާލު ދެންނެވުމުން ވެސް ތަސްމީން އެ ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ. އަދި އެ ވާހަކަތައް ދޮގެއް ވެސް ނުކުރައްވަ އެވެ.
"އަޅުގަނޑުމެންގެ ޒައީމާއި އަޅުގަނޑާ ދޭތެރޭ ހިނގާ މަޝްވަރާގެ ވާހަކައަށް އެއްޗެއް ދަންނަވާކަށެއް ނެތިން. އެއީ މަޝްވަރާކުރާ ކަންކަމުގައި ވެސް ވާން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި [ތަސްމީނާއި މައުމޫނާ ދެމެދު] އޮންނަ ކަމެއް ކަމަށް،" މިހާރު ޑީއާރްޕީ ތެރޭގައި އުޅޭ މައްސަލަތަކާ މެދު ކުރީގެ ރައީސް މައުމޫން އާ އެކު އެއްވެސް ވަރަކަށް މަޝްވަރާކުރައްވަންތޯ ނޫސްވެރިޔަކު ދެންނެވުމުން ތަސްމީން ވިދާޅުވި އެވެ.
ޑީއާރްޕީ ތެރޭގައި އުފެދިގެން އުޅޭ ހަމަނުޖެހުން ހައްލުކުރުމަށް ޒައީމް މައުމޫން އެނބުރި ލީޑާޝިޕަށް ވަޑައިގަތުމަށް އުމަރުގެ ފެކްޝަނުން ދައްކަވާ ވާހަކަ އަށް ތަސްމީން ދެއްވި ރައްދަކީ، "އަޅުގަނޑު ގަބޫލުކުރަނީ މި މަގާމުގައި[ޑީއާރްޕީގެ ލީޑަރު ކަމުގައި] އަޅުގަނޑު ދެމިމިހުންނަނީ ޑީއާރްޕީގެ މެމްބަރުންގެ ތާއީދު އޮތުމުން" ކަމަށެވެ.
ތަސްމީން އެހެން ވިދާޅުވި ނަމަވެސް ތަސްމީނާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދެއްކެވި އަދި އުމަރުގެ ފަހަތުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އިލްހާމް އަހުމަދާއި އަހުމަދު މަހްލޫފާއި އަލީ އާރިފާއި އަބްދުލްމުހުސިން ހިމެނިވަޑައިގަންނަވަ އެވެ.
އަދި ރޭގެ ޑީއާރްޕީ ޖަލްސާގައި ހިނގި ހަމަނުޖެހުން ވަނީ ޕާޓީގެ ތެރޭ އުޅޭ ޚިޔާލުތަފާތުވުމުގެ މައްސަލަތައް ތަޅާފޮޅުމާއި މާރާމާރީގެ ދަރަޖަށް ގޮސްފައިވާކަން ހާމަވެފަ އެވެ.