ބީޖީ ސްޕޯޓްސް އަތުން 2-0 އިން މޮޅުވެ އެޓީމު މުބާރާތުން ކަޓުވާލުމަށްފަހު އޭދަފުށީ ޒުވާޏުންގެ ކްލަބު މިހާރު ކުރިއަށްދާ އެލްމޯބައިލް ޔޫތު ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއްފެނިގެންދިޔަ މެޗުގައި އޭދަށްފުށި ޓީމަށް ބީޖީގެ ގޯލް ހުޅުވާލަދިނީ މެޗުގެ 31 ވަނަ މިނިޓުގައި އަހްމަދު ސުހައިލް އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން އޭދަފުށީ ޓީމަށް މެޗުގެ ނަތީޖާ ފުޅާކޮށްދިނީ، ހުސެން ނަޒީހު އެވެ.

މި ނަތީޖާއާ އެކު ޖުމުލަ ހަޕޮއިންޓާއެކު ގްރޫޕު ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި އޭދަފުއްޓަށް ކުއާޓާއިން ޖާގައެއް ކަށަވަރު ވެފައިވާއިރު، މި ގްރޫޕުން ކުއާޓާގެ ދެވަނަ ޖާގަ ކަށަވަރުވާނީ، ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައިގައި އޮތް އޭވައިއެލްއާއި ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައި އޮތް ކެލާ ނާޅި ސްޕޯޓްސް އަން ބުދަދުވަހު ކުޅޭ މެޗުގެ ނަތީޖާއަށް ފަހު އެވެ. ބީޖީ އޮތީ އެންމެ ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ދެ މެޗެއް މިއަދު ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހަވިރު 4:10ގައި ކުޅޭ މެޗުގައި ވާދަކުރާނީ ގްރޫޕް އެކެއްގެ ކްލަބް އީގަލްސްއާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. އަދި ރޭގަނޑު 9:00ގައި ފަށާ މެޗުގައި ވާދަކުރާނީ މިހާރުވެސް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ އެންމެ ފަހުގެ ޗެމްޕިއަން ކްލަބު ވެލެންސިޔާ އާއި ގްރީން ސްޓްރީޓް އެވެ.