ޕާކިސްތާނުގެ ސަރުކާރާ އެކު ކުރާ ސުލްހައިގެ މަޝްވަރާތަކުގައި ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އަދި މިހާރު ސިޔާސީ ބޭފުޅެއް ކަމަށްވާ އިމްރާން ހާން ބައިވެރިވުމަށް ތާލިބާނުން އެދިއްޖެ އެވެ.

ތާލިބާނުން ބުނީ ސަރުކާރާ އެކު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި ތާލިބާނުންގެ ފަރާތުން ބައިވެރިވާ ފަސް މީހުންގެ ވަފްދުގައި އިމްރާން ހާން ބައިވެރިވުމަށް އެދޭ ކަމަށެވެ.

އިމްރާން ހާން ނިސްބަތްވާ ޕާކިސްތާން ތެހެރީކޭ އިންސާފު (ޕީޓީއައި) އިން ބުނީ އެޕާޓީއަކީ އަބަދުވެސް މަޝްވަރާތަކަށް ތާއީދުކޮށް އެއްބާރުލާނެ ޕާޓީއެއް ކަމަށެވެ. ނަމަވެސް ތާލިބާނުން އެދިފައިވާ ރޯލްގައި އިމްރާން ހާން ނުފެންނާނެ ކަމަށާއި އެހެން ދައުރެއްގައި ސުލްހައިގެ ވާހަކަތަކަށް އެއްބާރުލުން ދިނުމަށް އިމްރާން ނިންމާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ސަރުކާރާއި ތާލިބާނުންގެ މެދުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަކީ މިދިޔަ މޭ މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ނަވާޒް ޝަރީފް ވެވަޑައިގެންފައިވާ ވައުދެކެވެ.

ސުލްހައިގެ ވާހަކަތަކަށް ތާލިބާނުން ހުށަހަޅާފައިވާ ފަސް މީހުންގެ ވަފުދުގައި އިމްރާން ހާންގެ އިތުރުން ހިމަނާފައި ވަނީ އިސްލާމްއާބާދުގެ ރެޑް މޮސްކުގެ އިމާމު މައުލާނާ އަބްދުލް އަޒީޒް އާއި ދީނީ އިސް އިމާމުން ކަމަށްވާ މައުލާނާ ސާމީ އަލް ހައްގުއާއި މުފްތީ ކިފާޔަތުﷲ އަދި ޕްރޮފެސާ އިބްރާހިމް ހާންގެ ނަންތަކެވެ.

އިމްރާން ހާންގެ ފަރާތުން ރަސްމީކޮށް ތާލިބާނުންގެ ހުށަހެޅުމަށް ޖަވާބެއް ލިބިފައި ނުވާ ނަމަވެސް، އިމްރާންގެ ޕީޓީއައިން ބުނީ ތާލިބާނުން އެދޭ ރޯލެއްގައި އިމްރާން ނުފެނުނު ނަމަވެސް ސުލްހައިގެ ވާހަކަތަކުގައި އިމްރާން ބައިވެރިވާނެ ކަމަށެވެ.