ހދ. ކުޅުދުއްފުށީ "ދުއްލިސާ" ފިހާރައިން ވަގަށް ނަގާފައިވާ ފޯނު ކާޑުތަކަކާއި ފައިސާ ތަކާކާ އެކު އެ ރަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ، ދެ ދިވެހިން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އުރުން 23 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. އަދި އެ ދެ މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ 2014 ޖެނުއަރީ 29 ވަނަ ދުވަހުގެ 17:30 ހާއިރު "ދުއްލިސާ" ފިހާރައިން ބަޔަކު ވައްކަންކޮށްފައިވާކަމަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

ދުއްލިސާ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ 4168ރ. އާއި50ރ. ގެ އުރީދޫ އަދި ދިރާގުގެ 23 ކާޑު (ޖުމްލަ އަގު 1150ރ.) ފެނިފައި ވަނީ ކުޅުދުއްފުށީ ފަޅުގެއެއްގެ ތެރެއިންނާއި ފުލުހުން ހައްޔަރުކުރި 22 އަހަރުގެ މީހާ ދިރިއުޅޭ ގެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި 22 އަހަރުގެ މީހާއަކީ މީގެކުރިން ވެސް މަސްތުވާތަކެއްޗާއި ވައްކަން ކުރުމާއި އަދި ފޭރުމުގެ މައްސަލަތަކުގެ ގިނަ ރެކޯޑް މޯލްޑިވްސް ޕޮލިސް ސާވިސްގައި އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދުއްލިސާ ފިހާރައިން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ދެ މީހުންގެ މައްސަލަ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.