ރިޔާސީ އިންތިޙާބު ޕީޕީއެމަށް ކާމިޔާބުވުމުގެ އެންމެ ބޮޑު އަސްލަކީ ގިނަ ޕާޓީތައް އެއް ގަލަކަށް އަރައި ޕީޕީއެމަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ތާއީދު ކުރަން ނިންމުމެވެ. އިންތިހާބު ކާމިޔާބު ކުރީ ޕާޓީތައް ބަދަހިވެގެން ނުކުތް ސިޔާސީ ބޮޑު ފަޅި އެވެ. ކޯލިޝަން ހެދި ގިނަ ޕާޓީތަކުން އެ ޕާޓީއާ ގުޅިފައި ވަނީ ޝަރުތުތަކާ ވެސް އެކުގަ އެވެ. އޭގެތެރޭގައި ސަރުކާރާއި ކައުންސިލް އިންތިހާބް އަދި ރައްޔިތުންގެ މަޖިލިސްގެ މަގާމުތައް ބައިއެޅުން ހިމެނެ އެވެ.

ޝަރުތަކާ ނުލައި ގައުމަށްޓަކައި ދީނަށްޓަކައި ކޯލިޝަނާ ގުޅުނު ހަމައެކަނި ޕާޓީއަކީ އަދާލަތު ޕާޓީ އެވެ. ނަމަވެސް މިހާރު އެ މަންޒަރު ވެސް މި ވަނީ ބަދަލުވެފަ އެވެ. ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި ވެސް އަދާލަތުން ޝަރުކާރުގެ ކޯލިޝަނާ ފެއަށް ޖެހި އަމިއްލަ ގޮތުން އިންތިހާބަށް ވާދަ ކުރި އެވެ. އަދި ކޯލިޝަނުން ފުރުސަތުތަކެއް މަޖިލީހުގެ އިންތިހާބުގައި ހޯދަން އަދާލަތުން ކުރަމުން އަންނަ މަސައްކަތްތަކުން ކޯލިޝަން އިތުރަށް ވަނީ ހަލަބޮލިކޮށްފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ނިމިގެން ދިޔަ ފަހުން ދެން ފެނުނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ލިބިފައިވާ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން އަދާލަތަށް ވަކި އަދަދެއްގެ ދޭން އެ ޕާޓީން ނިންމި ގޮތާ މެދު އަދާލަތުން ގަޔާނުވެގެން އެކަމާ "ބޮޑާހާކަމުން" ގެންދާތަނެވެ. އަދާލަތު ޕާޓީ އަށް ސަރުކާރު ކޯލިޝަންގެ ޓިކެޓް ހޯދައިދިނުމަށް ޖުމްހޫރީ ޕާޓީއާ އެކު ބޭއްވި މަޝްވަރާތައް ވެސް ނިންމާލީ ޖޭޕީން އަދާލަތަށް ދޭން ނިންމި ދާއިރާތަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އަދާލަތުން ޖޭޕީގައި އެދުނީ އަދާލަތަށް އެންމެ ތާއިދު ބޮޑު ފަސް ދާއިރާގެ ތެރެއިން ހަތަރު ދާއިރާއެއް ދިނުމަށެވެ. ނަމަވެސް ޖޭޕީން ބޭނުންވީ އަދާލަތު ބޭނުންވި ހަތަރު ދާއިރާ ނޫން "އަދާލަތަށް ތާއިދު އެންމެ ކުޑަ ދާއިރާތައް ދިނުމަށް" ކަމަށް ބުނެ އަދާލަތުން ވަނީ ޖޭޕީގެ ނިންމުމަށް ފާޑުކިޔަފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން ވިދާޅުވެފައި ވަނީ ކޯލިޝަންގެ ތެރެއިން އެކަށީގެންވާ ފުރުސަތުތަކެއް ހޯދުމަށް އަދާލަތުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އަދާލަތުން ބޭނުންވާ ވަކި ދާއިރާތަކަކުން މަޖިލީހުގެ އިންތިހާބަށް ނުކުތުމުގެ ފުރުސަތު ނެތް ނަމަ، ކޯލިޝަނާ އެކު ކުރިއަށް ވަޑައިގަތުމަކީ ފަށޭހަ ކަމެއް ކަމުގައި ނުވާނެ ކަމަށް ވެސް އިމްރާން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޖޭޕީގެ މަޝްވަރާތަކަށް ފަހު ދެ ޕާޓީގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަން ހާމަކުރައްވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަންގެ ޓިކެޓް އަދާލަތަށް ހޯދުމަށް އިމްރާން އެދިވައިގެންނެވި ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީގެ ބައެއް ސުލޮޓްތައް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވީ އިމްރާނެވެ. ކޯލިޝަންގެ ޓިކެޓް ދިނުމަށް އިމްރާން އެދިވަޑައިގުމުން ތިން ދާއިރާއެއްގެ ޓިކެޓް އަދާލަތަށް ދޭން ނިންމި ކަމަށް ގާސިމް ވިދާޅުވި އެވެ.

އަދާލަތުގެ ޕާޓީން މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން އެކަށީގެންވާ އެއްބާރުލުމެއް އަދާލަތަށް ނުލިބިއްޖެ ނަމަ، އެޕާޓީން ގިނަ ދާއިރާތަކަށް ކުރިމަތިލާނެ ކަމުގެ އަޑުތައް މިހާރު ވެސް ވަނީ ފެތިރިފަ އެވެ. އަނެއްކޮޅުން ޖޭޕީއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އަދާލަތުން ވަނީ ޖޭޕީއަށް ކޯލިޝަން ތެރެއިން ކަނޑައަޅާފައިވާ 28 ދާއިރާ އަށް އަދާލަތުގެ ކެންޑިޑޭޓުން ނެރޭނެ ކަން ހާމަކޮށްފަ އެވެ.

ސަރުކާރު ކޯލިޝަންގެ މެމްބަރަކު ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުން ކެނޑިޑޭޓުން ނެރޭ ދާއިރާތަކަށް އަދާލަތުން ކެންޑިޑޭޓުން ނެރެފި ނަމަ ކޯލިޝަންގެ ތެރޭގައި ބައިބައިވުންތައް އުފެދިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ވެސް ހީވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން 50 ދާއިރާއަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެޕާޓީގެ މެމްބަރުން ވަނީ ފާޅުކޮށްފަ އެވެ. ނަމަވެސް އަދާލަތުން އެ އަދަދަށް މެމްބަރުން ނެރެފި ނަމަ ކޯލިޝަން ހޫނުވެގެންދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުގައިވާ އިރު އަދާލަތުން ޖޭޕީ ފިޔަވައި ކޯލިޝަންގައި ހިމެނޭ ޖޭޕީ އާއި އެމްޑީއޭގެ ކެނޑިޑޭޓުން ނެރޭ ދާއިރާތަކަށް ކުރިމަތިލުމުގެ ކުރިން އެ ޕާޓީތަކާ މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ. ޕީޕީއެމުން އަދި އެޕާޓީގެ ޕްރައިމަރީޒް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ފަހު މިހާރު ވަނީ ފަސްކޮށްފަ އެވެ.