03 Feb 2014, 09:24
ބެންކޮކް (ފެބްރުއަރީ 3): ތައިލެންޑްގެ އިދިކޮޅު ފަރާތްތަކުން ހިންގަމުންގެންދާ އިހްތިޖާޖްތައް ސިޔާސީގޮތުން ހައްލުކުރުމުގެ މަގްސަދުގައި އެގައުމުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބްގެ ވޯޓްލުން ނިންމާލި އިރު ބައެއް ފޮށިތަކަށް އެއްގޮތަކަށް ވެސް ވޯޓުލާފައިނުވާ ކަމަށް އިންތިޚާބުގެކަންތައްތައް ބަލަހައްޓާ ފަރާތްތަކުން ބުނެފި އެވެ. އެފަރާތްތަކުން ބުނީ ވޯޓުލުމާ ދެކޮޅަށް ހަމަނުޖެހުންތަކެއް ހިންގާފައި ނުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކަޓްކުރުމުގެ ސަބަބުން ބައެއް ފޮށިތަކަށް އެއްގޮތަކަށް ވެސް ވޯޓުލާފައިނުވާ ކަމުގަ އެވެ.
ހުރިހާ ވޯޓް ފޮށްޓަކަށް ވެސް ވޯޓްލުމުގެ ފުރްސަތު އިއްޔެ ހެނދުނު ހުޅުވާލުމަށް ފަހު ހަވީރު ތިނެއް ޖެހިއިރު ހުރިހާ ވޯޓް ފޮށްޓެއް ބަންދުކޮށްފައިވާ އިރު ވޯޓުލާން ނުކުތްކަމަށް ވަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކަމަށްބެލެވޭ ކަމަށް އިންތިޚާބު އޮބްޒާވްކުރި ފަރާތްތަކުން ބުނެ އެވެ. ވޯޓުގުނުމުގެ ކަންތައް އިއްޔެ ހަވީރުން ފެށިގެން ކުރިޔަށްދާ އިރު ބައެއް ފޮށިތަކުގެ ނަތީޖާތައް ވެސް މިހާރު ވަނީ އިއްލާނުކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ތައިލޭންޑްގައި އާއްމު އިންތިޚާބު ބޯއިކޮޓްކުރުމުގެ ސަބަބުން ބޮޑުވަޒީރާ ޔަންގްލަކް ޝިނަވަތްރާގެ ޕާޓީ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން މިއިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލް ނުކުރާނެ ކަމަށްބުނެ ކުރިއެރިއެކޭ ވެސް އެއްގޮތަށް މުޒާހަރާތަކާއި އިހްތިޖާޖްތަކާގެން ކުރިޔަށްދާނެކަން ހާމަކޮށްފަ އެވެ.
ނަމަވެސް މިއިންތިޚާބުގެ ސަބަބުން ބޮޑުވަޒީރާ ޔަންގްލަކް ޝިނަވަތްރާގެ ސިޔާސީ ބާރުތައް ވަރުގަދަވެ އިދިކޮޅު ފަރާތްތަކުގެ ޕޮޒިޝަން ބަލިކަށިވެގެންދާނެ ކަމަށް ބެލެވިފައިވާ އިރު ތައި ސިފައިންތިބީ ވެރިކަމުގެ ތެރެއަށްވަނުމުގެ ރޫހުގައި ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ އިންތިޚާބުނުކުރާ ކައުންސިލަކާ ވެރިކަން ޙަވާލުކުރެއްވުމަށް ފަހު ބޮޑުވަޒީރާ ޔަންގްލަކް ޝިނަވަތްރާ މަގާމުން ދުރުވެ ވަޑައިގަތުމަށެވެ. ނަމަވެސް އޭނާ ވަނީ މިކަމާ ދެކޮޅު ހައްދަވާފަ އެވެ. (ނޫސްއެޖެންސީތައް)