ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވާދަ ކުރާ 28 ދާއިރާއަށް ޕްރައިމަރީއަކާ ނުލައި ނުލައި މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް މިއަދު އިއުލާންކޮށްފި އެވެ.

ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ 28 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މީގެ ކުރިން އިއުލާންކޮށްފައިވާއިރު، މިރޭ ވަނީ އިއުލާން ނުކުރެވި ހުރި ހުރިހާ ދާއިރާތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ނަންތައް އިއުލާންކޮށްފަ އެވެ. ޖޭޕީގެ މަޖިލިސް ޓިކެޓް ލިބުނު ބޭފުޅުންނަކީ ޕާޓީގެ ކައުންސިލުން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންނެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ސ. މީދޫ ދާއިރާ އަށް ވާދަކުރައްވަނީ ސ. މީދޫ ދާރުލްއަމާން އަބްދުﷲ ހާނީ އެވެ.
ބެލެތްދޫ ދާއިރާ އަށް ފ. މަގޫދޫ ކެނެރީގޭ އަހްމަދު މުބީން ވާދަކުރައްވާއިރު މަކުނަދޫ ދާއިރާ އަށް ވާދަކުރައް ވަނީ ހދ. ކުމުންދޫ ރޯޝަނީގޭ އަލީ އިބްރާހީމެވެ. އިހަވަންދޫ ދާއިރާ އަށް ވާދަކުރައްވަނީ ފިލްމީތަރި، ހއ. އިހަވަންދޫ އުސްހަކުރުގޭ މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. ނޮޅިވަރަމް ދާއިރާއަށް ހދ. ނޮޅިވަރަމް، ދިވެހި، ހުސައިން އަރީފް ވާދަކުރައްވާއިރު އެ އަތޮޅު ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ކުރީގެ މެމްބަރު އިގްބާލް އާދަމެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ނަސްރުﷲ އިސްމާއީލް ވާދަކުރައްވާއިރު ތޮއްޑޫ ދާއިރާ އަށް ވާދަކުރައްވަނީ ތޮއްޑޫ އެއްވިލާ އިބްރާހީމް ހަސަން އެވެ. ކެޔޮދޫ ދާއިރާ އަށް މާލޭ ދަފްތަރު 5371 މޫސާ ނިޒާރު އިބްރާހީމް ވާދަކުރައްވާއިރު މަހިބަދޫ ދާއިރާ އަށް ވާދަކުރައްވަނީ މަހިބަދޫ ދުނި، އަހްމަދު ސުނިލް އެވެ. ކުރެންދޫ ދާއިރާ އަށް ވާދަކުރައްވަނީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހްމަދު މޫސާ އެވެ.

މިލަންދޫ ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަ ކުރައްވަނީ ށ. މިލަންދޫ، ފަރެސް، ހަސަން މުފީދު އަބްދުލްގާދިރެވެ. ކެންދޫ ދާއިރާ އަށް ވާދަކުރައްވަނީ ގާނޫނީ ވަކީލު އަލީ ހުސައިން އެވެ. ތިނަދޫގައި ހިމެނޭ އިންތިޚާބީ ދެ ދާއިރާގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ އެންމެ ދާއިރާ އެކެވެ. އެއީ ތިނަދޫ ދެކުނު ދާއިރާ އެވެ. އެ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފައި ވަނީ ތިނަދޫ ދެވިނަގޭ އަބްދުﷲ އަހްމަދު އަށެވެ.

މާލޭގެ ދާއިރާތަކުގެ ތެރެއިން މާފަންނު އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ގ. ބޮޑުފެންވަޅުގޭ އަހްމަދު އަޖުވަދު އެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ދާއިރާތަކުގެ ތެރެއިން ބައެއް ދާއިރާތައް އަދާލަތު ޕާޓީއަށް ދިނުމަށް ދެ ޕާޓީގެ ދެމެދުގައި ކުރެވުނު މަޝްވަރާތައް ވަނީ ނާކާމިޔާބުވެފަ އެވެ.

އަދާލަތު ޕާޓީން ބުނެފައި ވަނީ ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ބައެއް ދާއިރާތަކަށް އެ ޕާޓީގެ ޓިކެޓުގައި ކެންޑިޑޭޓުން ނެރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.