ރާއްޖެގައި އެހެން ދީން ތަކަށް ފުރުސަތު ނުދޭތީ ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެއަށް ދަތިކުރަމުންދާ ކަމަށާއި ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ބަޔަކު ބާރު އަޅަމުންދާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އިސްލާމްދީނާ ހިލާފު ކަންކަމާއި ދީނީ މިނިވަން ކަން ދިނުމަށް ބާރު އަޅަމުންދަނީ އިންސާނީ ހައްގުތަކާއި ޑިމޮކުރަސީގެ ނަމުގައި މަސައްކަތް ކުރާ ފަރާތްތަކުން ކަމަށެވެ. ނަމަވެސް ރާއްޖެއަކުން އެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ދީން ތަކަށް ފުރުސަތު ނުދޭތީ ރާއްޖޭގައި އިންސާނީ ހައްގެއް ނެތޭ ބުނެ ރާއްޖެ އަށް ދަތިކުރޭ،" މިނިސްޓާ ވިދާޅުވި އެވެ.

ދީނީ މިނިވަންކަން ނުދޭ ކަމަށްބުނެ ޔޫރަޕަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ނަގަން ފެށި ކަމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ނުދިނުމަށް ހުރިހާ ދިވެހިން މަސައްކަތް ކުރުމަށް ވެސް އުމަރު ގޮވާލެއްވި އެވެ.

ހިތް ތަކުގައިވާ އިސްލާމީ އަގީދާ ބަލި ކަށި ކުރެވޭ ފަދަ ފާހިޝް އަމަލުތައް އިތުރުވުމަކީ ހިތާމައެއް ކަމަށާއި އެފަދަ ކަންކަން އިސްލާހު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ. ދީނީ ބައެއް ކަންކަންމުގައި ރާއްޖޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް އިލްވެރިން ކުރަމުންދާ މަސައްކަތް މިހާރަށް ވުރެ އިތުރު ކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. އަދި ސަރުކާރުން އިސްލާމް ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މިސަރުކާރުން މިސްކިތްތައް ބަލަހައްޓާނަން، ގުރުއާން ކިޔަވަން ދަސްކޮށްދޭނަން، އިސްލާމް ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގައި ކިޔަވައިދޭނަން، މިސްކިތްތަކަށް މުދިމުން އަޅުގަނޑުމެން ތަމްރީން ކުރާނަން، ގުރުއާން ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރާނަން، ގާރީން އުފައްދާނަން،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ގައުމުގައި ހަމަޖެހުން އޮތުމުގެ އަސްލަކީ އިސްލާމް ދީން ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ކަންތައްތަކުން ސަލާމަތްވުމުގެ އަސްލަކީ ވެސް އެއީ ކަމަށެވެ. އެގޮތުން ޕޯޗްކީޒުންގެ އަޅުވެތިކަމުންނާއި ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ވެސް އެކަން ކަށަވަރު ކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.