ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަން ކުށްވެރިކުރައްވައިފި އެވެ.

ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި އަލްހާނަށް ތޫނު އެއްޗަކުން ދިން ހަމާލާއާމެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އާންމުން ގިނައިން އެއްވެ އާއިލާއާއެކު ވަގުތު ހޭދަކުރާ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ކެފޭއެއްގައި އަލްހާން ފަހުމީ ހުންނަވަނިކޮށް އެތަނަށް ބަޔަކު ވަދެ އަލްހާނަށް ހަމަލާ ދީފައިވަނީ ކުރިން ރޭވިގެން އަދި ގަސްދުގައި އަލްހާނަށް އަނިޔާކުރުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިހިތާމަވެރި ވަގުތުގުގައި އަލްހާންގެ އާއިލާއަށް ކެތްތެރިކަން ދެއްވައި އަލްހާނަށް އަވަސް ޝިފާއަކަށް އެދި ދުއާކުރަމެވެ،" ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ތޫނުއެއްޗަކުން ދިން ހަމަލާއަށް އިތުރު ފަރުވާ ހޯއްދެވުމަށް އަލްހާން ވަނީ ރޭ ދަންވަރު ލަންކާއަށް ގެންގޮސްފަ އެވެ.

އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.