15 Dec 2010, 09:33
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ 12.3 ބިލިޔަން ރުފިޔާގެ ބަޖެޓް ތަންފީޒު ކުރުން ބިނާވެފައިވާ، އެންމެ މުހިއްމު އެއް އަސާސަކީ، ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަންފީޒުކުރަން ފެށުން ކަމަށް ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު މަހްމޫދު ރާޒީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ރާޒީ ވިދާޅުވީ، 2011 ވަނަ އަހަރަށް ހުށަހަޅާ މެދު ރާސްތާ ބަޖެޓްގައި ދައުލަތުގެ ބަޖެޓްގެ ޖުމްލަ ހަރަދަކީ 13.6 ބިލިޔަން ރުފިޔާ ކަމަށާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ އަކީ 9.1 ބިލިޔަން ރުފިޔާ ކަމަށެވެ. އެހެންކަމުން ޑެފެސިޓްގެ ގޮތުގައި 4.5 ބިލިޔަން ރުފިޔާ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ 12.3 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ބަޖެޓްގެ ޖުމްލަ ހަރަދު 13.6 އަށް އަރަނީ ޖުމްލަކޮށް ލޯން ރީޕޭމަންޓް ބަޖެޓްގައި ހިމެނުމުން ކަމަށެވެ. އޭނާ ވިދާޅުވީ ލޯން ރީޕޭމަންޓަކީ ހަރަދެއް ނޫން ކަމަށާއި ނަމަވެސް ބަޖެޓްގައި އެ ދެ އަދަދު ޖަހާފައި ވަނީ އެ ދެގޮތް ދެއްކުމުގެ ގޮތުން ކަމަށެވެ.
ރާޒީ ވިދާޅުވީ، ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް ހަމަޖެހިފައި ވަނީ ރާއްޖެ އިން ބޭރުގެ ލޯނުގެ އެހީގައި ހިންގާ މަޝްރޫއުތަކުން ކަމަށާއި ލޯނު އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ، 369 މިލިޔަން ރުފިޔާ އާއި ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން ޕްރައިވެޓައިސް ކުރެވޭ ތަންތަނުން ލިބޭ 1475 މިލިޔަން ރުފިޔާ އާއި ޑޮމެސްޓިކް މާކެޓްގައި ޓްރެޒަރީބިލް ވިއްކައިގެން ކަމަށެވެ. އެގޮތުން ޓްރެޒަރީ ބިލުގެ ގޮތުގައި އަންނަ އަހަރު 1355.1 މިލިޔަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާޒީ ވިދާޅުވީ، ބަޖެޓްގެ ހަރަދުގެ ތަފްސީލަށް ބަލާ އިރު، ރިކަރަންޓް ހަރަދުގެ އެންމެ ބޮޑުބައެއް ހިއްސާ ކުރަނީ މުވައްޒިފުންނަށް ހިނގާ ހަރަދަށް ކަމަށެވެ. އެއީ ޖުމްލަ ރިކަރަންޓް ހަރަދުގެ 49 އިންސައްތަ ކަމަށާއި ރިކަރަންޓް ހަރަދުގެ ޖުމްލައިގެ 18 އިންސައްތަ ހިއްސާ ކުރަނީ ސަރުކާރުންދޭ އެހީ އާއި އިޝްތިރާކާއި ސަބްސިޑީއަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ބަޖެޓްގެ ޑެފެސިޓް 15.3 ޕަސެންޓްގައި ހިފެހެއްޓި، ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓްގެ ޑެފެސިޓް 5.3 ޕަސެންޓަށް ވުރެ މަތި ނުވާނޭ ގޮތަށް ހިފެހެއްޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާޒީ ވިދާޅުވީ މި އަހަރަށް އަންދާޒާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ނޮމިނަލް ޖީޑީޕީން ބޮލަކަށް ޖެހޭނީ، ދިވެހި ރުފިޔާ އިން ބަލާއިރު، އަހަރަކު 59240 ރުފިޔާ ކަމަށެވެ. އަދި 2011 ވަނަ އަހަރު އެއަދަދު 65457 ރުފިޔާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2011 ވަނަ އަހަރަށް ލަފާކޮށްފައިވާ ބެލެންސް އޮފް ޕޭމަންޓްގެ ހިސާބުތަކަށް ބަލާއިރު ކަރަންޓް އެކައުންޓްގެ ދަރަނި 2010 ވަނަ އަހަރާ އަޅާބަލާ އިރު 14 އިންސައްތަ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ޖީޑީޕީގެ ނިސްބަތަށް ބަލާއިރު ކަރަންޓް އެކައުންޓުގެ ދަރަނި 2010 ވަނަ އަހަރުގައި ހުރި 31 އިން ސައްތަ 2011 ވަނަ އަހަރު 39 އިންސައްތައަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައިގަނޑު ސަބަބަކީ، 2011 ވަނަ އަހަރު ރާއްޖެ އަށް އިންޕޯޓްކުރާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރު ވަރަށް ބޮޑުތަން އިތުރު ވުމާ ގުޅިގެން ވިޔަފާރި އެކައުންޓުގެ ފަރަގު ބޮޑުވެގެންދާނެ ކަމަށް ލަފާ ކުރެވޭތީ، 2010 ވަނަ އަހަރާ އަޅާ ބަލާ އިރު 2011 ވަނަ އަހަރު ރާއްޖެ އިން ބޭރުކުރެވޭ ތަކެއްޗަށް ލިބޭނެ އާމްދަނީ ހަތަރެއް އިން ސައްތަ ދަށަށް ދާނެ ކަމަށް ލަފާ ކުރެވޭ. ސަބަބަކަށް ބެލެވެނީ މަސްވެރިކަމުން ލިބޭ އާމްދަނީ ދަށަށް ދިއުން. ދެހާސް ނުވަ ވަނަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގެ ގޮތުގައި 261 މިލިޔަން ޑޮލަރު ހުރި ނަމަވެސް 2010ގެ ނިޔަލަށް ހުންނާނެ ކަމަށް މިހާރު ލަފާ ކުރެވެނީ 314.3 މިލިޔަން ޑޮލަރު. އަދި 2011 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވްގެ ގޮތުގައި 299.4 މިލިޔަން ޑޮލަރު ހުންނާނެ ކަމަށް ލަފާ ކުރެވޭ. ރަސްމީ ރިޒާވުން އިންޕޯޓް ކުރެވޭ މިންވަރަށް ބަލާއިރު 2010 ވަނަ އަހަރު އެވްރެޖްކޮށް 3.4 މަސް ދުވަހުގެ އިމްޕޯޓް އަދި 2011 ވަނަ އަހަރު 2.8 މަސް ދުވަހުގެ އިމްޕޯޓްގައި ހިފޭއްޓޭނެކަމަށް އަންދާޒާ ކުރެވޭ." ރާޒީ ވިދާޅުވި އެވެ.
އެކޮނަމިކް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވުމުން ބަޖެޓް ދިރާސާކުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު ޕާޓީތަކުގެ އިސް ވެރިންނަށް ދައުވަތު ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވި އެވެ.