02 Feb 2014, 20:19
އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގައި އެހީތެރިވެދިނުމަށް، ކުވޭތު ސަރުކާރު ތައްޔާރަށް އޮތްކަމަށް ކުވޭތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އަލް ސަބާހް ވިދާޅުވެއްޖެއެވެ.
ކުވޭތުގެ އަމީރު މިހެން ވިދާޅުވީ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުވޭތުގެ އަމީރާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގައި ކުވޭތުގެ ޚާއްސަ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ކުވޭތުގެ އަމީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން އެހީތެރިވެ ދިނުމުގައި ކުވޭތު އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ހުށަހަޅާ މަޝްރޫއުތަކަށް ޚާއްސަ ނަޒަރަކުން ބައްލަވައި، ކުވޭތު ފަންޑާ ވާހަކަ ދައްކައި މަޝްވަރާ ކޮށްގެން، ވެދެއްވެން އޮތް މަތީ ދަރަޖައަކަށް އެހީތެރިކަން ވެދެއްވާނެ ކަމުގެ ޔަގީންކަން އަމީރު ދެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ތަރައްގީއަށްޓަކައި ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި އެހީތެރިވެދެއްވާނެ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.
ކުވޭތުގެ އަމީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެ، ކުވޭތަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި ރާއްޖެއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށާއި ދިވެހި ސަރުކާރަށް އަމީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށާއި އެމަނިކުފާނުގެ ސަރުކާރަށް އަމީރު ތަހުނިޔާ ވިދާޅުވިއެވެ.