ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި މ. ޒިލިއަން ގެއިން ފުލުހުން ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތިން މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފައި ވަނީ ކުރިން އިތުރު ކުރި މުއްދަތު ހަމަވުމުން މިއަދު އެމީހުން ކޯޓަށް ގެންދިޔުމުން ކަމަށެވެ.

ޒިލިޔަންގެއިން ފުލުހުން ހައްޔަރުކޮށްފައި ވަނީ 46 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެކެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ޒިލިއަންގެ ބަލައި ފާސްކުރި އިރު އެގޭގެ ތެރެއިން 140،000ރ. އާއި 11،000 ޑޮލަރު (169620 ރުފިޔާ) ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެގޭގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 200،000 އަށް ވުރެ ގިނަވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހިމާޔަތްކޮށްފައިވާ ޖަނަވާރެއްގެ އިތުރުން ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އާލާތްތަށް ވެސް އެގޭތެރެއިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ޒިލިއަންގެއިން ހައްޔަރު ކުރި މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ގުދަނެއް ބަލައި ފާސްކުރި އިރު ގިނައަދަދެއްގެ ކަނޑިތަކެއް ވެސް ވަނީ ފެނިފަ އެވެ.