02 Feb 2014, 18:53
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް ބަޔަކު މީހުން ރޭ ދިން ވަޅީގެ ހަމަލާގައި އޭނާގެ މައި ބަދައަށް ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް މިއަދު ސްރީލަންކާގައި ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށް އާއިލާއިން ބުނެފި އެވެ.
އަލްހާންގެ އާއިލާގެ މެންބަރަކު ސަންއަށް ކިޔައިދިން ގޮތުގައި ކޮލަމްބޯގެ ޓައުން ހޯލްގައި ހުންނަ ސެންޓްރަލް ހޮސްޕިޓަލްގައި އަލްހާންގެ މައިބަދައިގެ އޮޕަރޭޝަން ކުރުމަށްފަހު މިހާރު އޮންނެވީ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
"އެއީ ގާތްގަނޑަކަށް ތިން ގަޑިއިރުގެ އޮޕަރޭޝަނެއް. އެމްއާރުއައި ސްކޭންއިން ފެންނަ ގޮތުން މައިބަދައިގެ ނާރެއް ވަނީ ބުރިވެފައި. އެކަމަކު މިހާރު އެތަން ވަނީ ސާޖަރީ ހަދާފައި،" އަލްހާންގެ އާއިލާގެ މެންބަރަކު ކިޔައިދިނެވެ.
އަލްހާންގެ އާއިލާއިން ބުނީ، އޮޕަރޭޝަނަށްފަހު އަލްހާންގެ ހާލުކޮޅު ރަނގަޅުވާނޭ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި އިތުރު އެއްޗެއް ބުނަން އެނގޭނީ، އޭނާ ހޭފުޅު އެރުއްވުމުން ކަމަށެވެ.
"މިވަގުތު އަލްހާން އޮތީ ހޭނެތިފައި. އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުން ބުނީ، އޮޕްރޭޝަން ކާމިޔާބުކަމަށް. އެހެން ނަމަވެސް، ވާގި ދޫވެފައިވާ ބައި ހަރަކާތްކުރާކަން ކަށަވަރު ކުރެވޭނީ، އަލްހާން ހޭއެރުމުން ކަމަށް،" އަލްހާންގެ ހާލުކޮޅު މިހާރު އޮތްހާލަތު އޭނާގެ އާއިލާއިން ސަން އަށް ކިޔައިދިނެވެ.
އަލްހާންގެ ހަށިކޮޅަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ރޭ 9:00 ހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ބްރޭކްވޯޓާ ރެސްޓޯރަންޓް ތެރެއިންނެވެ.
އަލްހާނަށް ވަޅިން ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު މިއަދު ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ.