02 Feb 2014, 16:41
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން، ދެ މީހުންގެ ބަންދުގެ މުއްދަތު 10 ދުވަހުގެ މުއްދަތަށް އިތުރުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަލްހާންގެ ގަޔަށް ވަޅި ހެރި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ކޯޓުން ބަންދުގެ މުއްދަތު އިތުރު ކުރީ ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމަށެވެ.
އަލްހާން ގަޔަށް ވަޅި ހެރި މައްސަލައާ ގުޅިގެން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހުސައިން ހުމާމް އަހްމަދުގެ ބޭބެ ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް މުއްދު އިތުރުކުރުމަށް އޭނާ ކޯޓަށް ގެންގޮސްފައެއް ނުވެއެވެ.
އެ މައްސަލައިގެ ތަހުގީގަށް ރޭ އަލްހާން ވަނީ ފުލުހުންނަށް ބަޔާނެއް ދެއްވާފަ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.