02 Feb 2014, 16:09
އިންޑޮނޭޝިއާގެ ސުމަޓްރާގައި ހުންނަ އަލިފާން ފަރުބަދައެއް ގޮވައި 14 މީހުން މަރުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ އާ ހަވާލާދީ އަލްޖަޒީރާ ބުނީ މަރުވި މީހުންގެ ތެރޭގައި އަލިފާން ފަރުބަދަ ބަލަން ގޮސް ތިބި ހަތަރު ދަރިވަރަކާއި ޓީޗަރެއް އަދި ނޫސްވެރިއެއް ހިމެނޭ ކަމަށެވެ.
އަލިފާން ފަރުބަދަ ގޮވާފައި ވަނީ މައުންޓް ސިނަބަން ނަމަކަށް ކިޔާ އަލިފާން ފަރުބަދައިގެ ކައިރީގައިވާ އަވަށެއްގެ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފަހު އެނބުރި އައި ތަނާ އެވެ. އެ އަވަށުގެ އެތައް ހާސް މީހުން އަވަށް ދޫކޮށް ދިއުމަށް ފަހު އެނބުރި އަވަށަށް އައީ ފަރުބަދައިގެ ހަރަކާތްތައް މަދުވެއްޖެ ކަމަށް ބުނެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދިނުމުންނެވެ.
އަލިފާން ފަރުބަދަ ގޮވައިގެން ފޭބި ހޫނު އަޅިތަކުގެ ތެރޭގައި މަރުވެފައިވާ އިތުރު މީހުން ވެދާނެ ކަމަށް އިންޑޮނޭޝިއާގެ އޮފިޝަލުން ލަފާކުރައްވަ އެވެ.
"އިތުރު މީހުން ވެދާނެ ކަމަށް އަހަރެމެންނަށް ޝައްކު ކުރެވޭ. އެކަމަކު އަހަރެމެންނަށް އެ މީހުންނެއް ނުހޯދޭނެ، އެއީ އެ މީހުން ވާނީ ހޫނު އަޅީގެ ވިލާގަނޑު އޮތް ހިސާބުގައި ކަމަށް ވާތީ،" ނެޝަނަލް ޑިޒާސްޓަރް މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު ސުތޯޕޯ ޕުރްވޯ ނުގްރޯ ވިދާޅުވި ކަމަށް އަލްޖަޒީރާ ބުންޏެވެ.
ސިނަބަން ފަރުބަދަ ގޮވުމުގެ ސަބަބުން ބޭރުވި ގޭހާއި ލާވާ ވިރިކެކޭ ހިލަ ވަނީ 4.5 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާ އޮންނަނީ އަލިފާން ފަރުބަދަތައް ގިނަ "ޕެސިފިކް ރިންގް އޮފް ފަޔަރް" ނަމަކަށް ކިޔާ ސަރަހައްދުގެ ތެރޭގަ އެވެ.