02 Feb 2014, 15:38
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ހަށިކޮޅަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލާފައިވާއިރު އެ ވަގުތު އޭނާއާ އެކު ކޮފީއެއްގައި ކުރިން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ކަމުގައި ހުންނެވުމަށްފަހު ދާދިފަހުން އެމްޑީޕީ އާއި ގުޅިވަޑައިގެންފައިވާ މޫސާ ރަމީޒް ވެސް އިންނެވި އެވެ.
އަލްހާނަށް ބަޔަކު ހަމަލާދިން ގޮތް މޫސަ މިއަދު ވަނީ "ސަން"އާ ހިއްސާކޮށްފަ އެވެ. ތިރީގައި މި ވަނީ މޫސަ ކިޔައިދިން ވާހަކަތަކެވެ.
~
ރޭ 8:00 ޖަހާއެހާކަންހާއިރު ހަބަރު ބަލަން އިންދާ "އަލްހާންނަށް ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ނުވި ވާހަކަ" އަޑުއިވުމާ އެކު މޫސަ އަލްހާނަށް ގުޅުއްވި އެވެ. އެއީ ރޭ ގަޑިން 8:10 ގަ އެވެ. ނަމަވެސް އަލްހާން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މޫސަ އެ ވަގުތު "ބައްދަލުކޮށްލަން ބޭނުން" ކަމަށް ބުނެ އަލްހާން އަށް މެސެޖެއް ފޮނުއްވި އެވެ. މާގިނައިރެއް ނުވެ އެވެ. ގާތްގަނޑަކަށް 8:18 ކަންހާއިރު އަލްހާން އޭނާއަށް ގުޅުއްވި އެވެ.
"އަލްހާން ގުޅުމުން އަޅުގަނޑު ދެއްނެވިން ހިނގާށޭ ދިމާކޮށްލަން، ދެން އަލްހާން ވިދާޅުވި މި ވަގުތު ފުރީއޭ އަންނާށޭ ބުރޭކް ވޯޓާއަށް، ބުނުމުން އަޅުގަނޑު ބުނިން މިއިނީ ހަބަރު ބަލަންށޭ ފަހުން ގުޅާނަމޭ، ނަމަވެސް އަލްހާން ކުރު ނުކުރުމުން ދެން ދިޔައީ،" މޫސާ ރަމީޒް ވިދާޅުވި އެވެ.
ޗައިނާ އެމްބަސީ ކައިރީގައި ސައިކަލް ޕާކް ކުރުމަށް ފަހު މޫސަ އާޓިފިޝަލް ބީޗަށް ދިޔައީ ގާގްގަނޑަކަށް ރޭ 8:30 ކަންހާއިރު އެވެ. ބްރޭކް ވޯޓާއަށް ދިޔަ އިރު އަލްހާން އިނީ އެތަނުގައި އަރިމައްޗެއްގައި އިން މޭޒެއްގައި ކުރިން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އުޅުމަށްފަހު ދާދިފަހުން ޕީޕީއެމް އާއި ގުޅުނު މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އާ އެކު ކޮފީއެއްގަ އެވެ. މޫސަ ފެނުމާ އެކު މަޑުކޮށްލުމަށް އަލްހާން ވިދާޅުވި އެވެ. އެއާ އެކު ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ކޮފީއެއްގައި އިން އަލްހާންގެ ކޮއްކޮ އަޒުބާން ފަހުމީ އިން މޭޒްގައި މޫސަ އިށީނެވެ.
"އަލްހާން މާގިނައިރެއް ނުވެ ވިދާޅުވެއްޖެ އަންނާށޭ އެވަގުތު އޭނާ އިން މޭޒަށް، ދެން އަހަރެން ބުނެފިން އަންނާށޭ އަހަރެން އިން މޭޒަށް، އެ ވަގުތު އެތަނުގައި ހުހަށް އިން މޭޒެއް ދައްކާފަ ބުނެފި އެ މޭޒަށް އަންނާށޭ، ދެން ކޮންމެ އަކަސް ގާތްގަނޑަކަށް ގަޑިން 8:50 ކަންހާއިރު އަހަރެމެން ދެމީހުން ކޮފީގައި އިށީދެފިން، ދެމީހުން ވެސް ތިބީ އާޓިފިޝަލް ބީޗަށް ފުރަގަސްދީގެން،" މޫސަ ވިދާޅުވި އެވެ.
ކޮފީގައި އެދެ މީހުން މުޅިން ވެސް ދެއްކީ ފޭދޫ ދާއިރާގެ ޕްރައިމަރީގައި ކަންކަން ހިގައިދިޔަގޮތާއި ދެން އަމަލުކުރަން ވީގޮތްތަކުގެ ވާހަކަ އެވެ. އޭގެ ތެރޭގައި ޕާޓީގެ އިސް ފަރާތްތަކާ މަޝްވަރާކުރުމަށް މޫސަ އަލްހާނަށް ލަފާދިނެވެ. ވާހަކަ ދައްކަމުން ދެ މީހުން ވެސް ތިބީ ފޯނާއި ކުޅެން އިސް ޖަހައިގެންނެވެ. ކުއްލި އަކަށް 8:54 ކަންހާއިރު "މޫސަ ބޭ ވަޅި ޖަހައިފި" އޭ ވިދާޅުވުމާ އެކު މޫސަ ސިސްސައިގެން ގޮސް ބަލާލިއިރު އަލްހާންގެ ބުރަކަށިން ގިނަ އަދަދަކަށް ދިޔައީ ލޭ އަންނަމުންނެވެ.
"ވަޅި ޖެހުމާ އެކު [މޫސަ ބޭ ވަޅި ޖަހައިފި] އެހެން ބުނެފަ އަލްހާން ކުއްލިއަކަށް ކޮޅަށް ތެދުވި، އަދި އެއަށް ފަހު ބުނި މޫސަބެއޭ ފައިން ވާގި ދަނިއްޔޭ، އެހެން ބުނެ ގިނަ އިރުތަކެއް ނުވެ ވެއްޓެން ފަށައިފި، އެވަގުތު އަޒުބާން ފަހުމީ އަލްންހާން ނެގި،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެ މީހުން ކޮފީގައި އިން ވަގުތު ބަޔަކު ކަމެއް ކުރަން އުޅޭ ކަމުގެ އެއްވެސް "އިޝާރަތެއް" ވެފައިނުވާ ކަމަށެވެ. "ވަޅި ހެރި މީހާ އައި ކަމެއް ވެސް ނޭނގެ އަޅުގަނޑުމެންނަކަށް، ބާރު ހިނގުމެއްގައި އައި ނަމަތާ އިޝާރާތެއް ވެސް ވާނީ، ހަމަ ކުއްލިއަކަށް މަޑުމަޑުން އައިސް ވަޅި ހެރުމަށް ފަހު ދުއްވައިގަންފަހުން އެނގުނީ" މޫސަ ވިދާޅުވި އެވެ.
ވަޅިން ހަމަލާދިން މީހާ ސިފަކޮށްދެމުން މޫސަ ވިދާޅުވީ "އެއީ އިސްތަށި ގަނޑު ދިގު، މެދު އިސްކޮޅެއްގެ، ކަޅު މީހެއް، އެކަމަކު އަޅުގަޑަކަށް މާ ރަނގަޅަކަށް ނޭނގެ، މި ބުނީ އޭނަ ދެން ދެއްކިޔަސް ނޭނގޭނޭ ބުނާކަށް އެއީ އޭނައެކޭ،" އެއީ ވަޅި ޖެހީ އެންމެ މީހަކު ވެގެން ކަމަށް މޫސަ ވިދާޅުވި އެވެ.
ވަޅި ޖެހުމާ އެކު އެ ސަރަހައްދު ހަލަބޮލިވި އެވެ. އެކި މީހުން އެކިކޮޅުކޮޅު މައްޗަށް ދުއްވައިގަތެވެ. އެއްބަޔަކު ގޮސް ބަޔަކު ހިފެހެއްޓި އެވެ. ނަމަވެސް އެކަމަކާ މޫސަ އަޅައެއް ނުލަ އެވެ. މޫސަގެ ކޮމާންޑަށް އަޒުބާން އަލްހާން ގޮވައިގެން މަގުމައްޗަށް ނުކުތެވެ. އެއަށް ފަހު ބޮޑު ތަކުރުފާން މަގުން ދުއްވާފަ ދިޔަ ޕިކަޕަކަށް އަރުވައިގެން އަލްހާން ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެ އަށްފަހު ކޮފީ ބޯންއިން މެޒު މަތީ ބެހެއްޓިފައިވާ އަލްހާންގެ ފޯން އާއި ބައެއް ތަކެތި ހިފައިގެން މޫސަ ވެސް ދިޔައީ އޭޑީކޭއަށެވެ.
"އަޅުގަނޑުމެން ބެލީ އަވަހަށް އަލްހާން ގެންދެވޭތޯ، އެގޮތުން އޭޑީކޭއަށް ގެންގޮސް ލަންކާއަށް ފުރުވާލެވެންދެން ވެސް އަޅުގަނޑު ރޭ އުޅުނިން އަލްހާންގެ އާއިލާ މެމްބަރުންނާ އެކު ހޮސްޕިޓަލްގައި،"
އަލްހާން ފަހުމީގެ މައިބަދައަށް ބަޔަކު މީހުން ރޭ ދިން ވަޅީގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ރޭ ދަންވަރު ލަންކާއަށް ގެންދިއުމަށް ފަހު މިހާރު އޭނާ ވަނީ އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ވައްދާފަ އެވެ.
"މައިބަދައަށް މިވަނީ ވަޅި ހަރާފައި. އެހެންވެ އޭގެ ސަބަބުން ވައަތު ފައި ހަރަކާތް ނުކުރެވޭ. އޮޕަރޭޝަނަށްފަހު ދެން އިތުރު އެއްޗެއް ދަންނަވަން އެނގޭނީ. މިކޮޅަށް ގެނައި އިރަށްވުރެ އަލްހާންގެ ހާލު ގޯހެއް ނޫން،" އަލްނާން އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.
އަލްހާން ގަޔަށް ވަޅިހެރި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 18 އަހަރުގެ ޒުވާނަކު ހިމެނޭ އިރު އަނެއް ދެމީހުންގެ އުމުރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.