ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިއިރު އެމްއެންޑީއެފުން ދެމުން ގެންދިޔަ ސެކިއުރިޓީ އޭނާ ބޭނުން ކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އާއްމު އުސޫލެއްގެ ގޮތުން މަޖިލީހުގެ މެމްބަރުންނަށް ސެކިއުރިޓީ ދެމުން ގެންދަނީ އެ މެމްބަރަކު އެދިވަޑައިގެންނެވުމުން ކަމަށެވެ. ނަމަވެސް މަޖިލީސް މެދުވެރިނުކޮށް ވެސް ސެކިއުރިޓީން ބޭނުންވެއްޖެ ހިނދެއްގައި އެ ބޭފުޅުންނަށް އެ އިންތިޒާމް ހަމަޖެހޭނެ ގޮތެއް މަޖިލީހުން ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެން އިންނާނީ މަޖިލިސް މެމްބަރުން ބޭނުންވެއްޖެ ހިނދެއްގައި މަޖިލިސް މެދުވެރިނުކޮށް ވެސް އެމްއެންޑީއެފްގެ ސެކިއުރިޓީ ލިބޭނެ ގޮތްތައް ހަމަޖައްސައިދީފައި، އެއީ އެ މެމްބަރުންނަށް ކޮންމެ ވަގުތެއްގައި ވެސް ސެކިއުރިޓީގެ ބޭނުން ޖެހިދާނެ ކަމަށް ބަލައިގެން، ނަމަވެސް އަލްހާނަށް ހަމަލާދިން އިރު ސެކިއުރިޓީ ބޭނުން ކުރައްވަމުން ގެންދަވާ ކަމެއް އެނގިފައެއް ނެތް،" އަމީން އާއްމު ވިދާޅުވި އެވެ.

އަލްހާންނަށް ރޭ ބަޔަކު ހަމަލާދިންއިރު އެމްއެންޑީއެފްގެ ސެކިއުރިޓީ އޭނާ ބޭނުން ކުރައްވަމުން ނުގެންދަވާ ކަމަށް އަލްހާންގެ އާއިލާއިން ވެސް ވަނީ ބުނެފަ އެވެ. އަދި މިފަހަކަށް އައިސް އަލްހާން ބޭނުންކުރައްވަމުން ގެންދަވަނީ އަމިއްލަފުޅު ސެކިއުރިޓީ އެކެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބްރޭކް ވޯޓާ ރެސްޓޯރެންޓްގައި އަލްހާން ރައްޓެހިންތަކަކާ އެކު ކޮފީއެއްގައި އިންނަވަނިކޮށް، ބަޔަކު މީހުން ދިން ވަޅީގެ ހަމަލާގައި އޭނާގެ މައިމަދައަށް ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް މިހާރު ގެންދަނީ ކޮލަމްބޯގެ ޓައުން ހޯލްގައި ހުންނަ ސެންޓްރަލް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންނެވެ.

އެ މައްސަލާގައި މިހާތަނާށް ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.