02 Feb 2014, 14:44
މާފަންނުގައި ހުންނަ 268 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަނޑިޔާރު މިސްކިތް މާލޭ ސިޓީ ކައުންސިލުން ތަޅާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ފަރީދީމަގުން ވަދެވޭ ގޮތަށް، ގެތަކެއްގެ މެދުގައި ހުންނަ، ފަނޑިޔާރު މިސްކިތް ތަޅައިލަން ނިންމީ އެމިސްކިތް ހުރި ތަނުގައި ހަތަރު ބުރީގެ މިސްކިތެއް އެޅުމަށް އަމިއްލަ ފަރާތަކުން އެދުމުން ކަމަށެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެސަރަހައްދަކީ މިހާރުވެސް މިސްކިތުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ސަރަހައްދެއް ކަމަށާއި އަމިއްލަ ފަރާތަކުން ފައިސާ ހިފައިގެން އައިސް އެތާނގައި ހަތަރު ބުރީގެ ބޮޑު މިސްކިތެއް އެޅުމަށް ހުށަހެޅުމުން އެކަން ކުރުމަށްޓަކައި ފަނޑިޔާރު މިސްކިތް ތަޅާލަން ނިންމީ ކަމަށެވެ.
"އާދެ. މީގެ އަޅުގަނޑުމެން ވިސްނަން ވާނީ މުޖުތަމައުއަށް އެންމެ ފައިދާ ހުރި ގޮތަށް. އެސަރަހައްދަކީ މިސްކިތުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ސަރަހައްދެއް. މާލެއަކީ ތޮށްޖެހިފައި އޮތް ތަނެއް. ޖާގައިގެ ބޭނުން ރަނގަޅު ގޮތުގައި ކުރަން ޖެހޭ. އަމިއްލަ ފަރާތަކުން ފައިސާ ހިފައިގެން އައިސް ހުށަހެޅީ އެތާނގައި ހަތަރު ބުރީގެ މިސްކިތެއް އަޅަން،" ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގައި ތާރީހީ ކަންކަން ކުރިއަރުވަން މަސައްކަތްކުރާ "ރިވައިވް" ޖަމިއްޔާއިން ބުނީ ފަނޑިޔާރު މިސްކިތަކީ އަލްޣާޒީ މުހައްމަދު މުހިއްބުއްދީން ޝައިހުލް އިސްލާމް ފަނޑިޔާރު މަނިކުފާނު ބިނާކުރެއްވި މިސްކިތެއް ކަމަށެވެ. ހަސަން ތާޖުއްދީން ހުސައިން އަފީފުއްދީންގެ ދަރިކަލެއް ކަމަށްވާ މުހައްމަދު މުހިއްބުއްދީނަށް މާލޭގެ ޚަތީބުކަން ދެއްވީ މީލާދީން 1740 ވަނަ އަހަރު ކަމުން މިތާރީހުތަކަށް ބަލާއިރު، ފަނޑިޔާރު މިސްކިތަށް 268 އަހަރު ވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް "ރިވައިވް" ޖަމިއްޔާއިން ބުނެ އެވެ.
އާސާރީ މިސްކިތެއް ތަޅާލުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަދި ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ހުއްދަ ހޯދާފައިނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ފަނޑިޔާރު މިސްކިތަކީ ހެރިޓޭޖް ލިސްޓުގައި ހިމެނޭ ތަނެއް ނޫން ކަމަށެވެ.
"ފަނޑިޔާރު މިސްކިތަކީ ހެރިޓޭޖް ތަނެއްގެ ގޮތުގައި އޮތް ތަނެއް ނޫން. އެތަނަކީ އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ހަދާފައިވާ ތަނެއް. ދެން އެބޭފުޅުން ބުނަނީ އެތާނގެ މަތިވަޑާންގަނޑު އެއީ އާސާރީ އެއްޗެއް ކަމަށް. އެހެންވެއްޖެއްޔާ އަޅުގަނޑުމެން މަތިވަޑާންގަނޑު ހެރިޓޭޖް ޑިޕާޓްމަންޓަށް ގެންގޮސްދީފާނަން. އަޅުގަނޑު ދެކޭ ގޮތުގައި ތިއީ ހުސް އެސްކިއުޒް" ޝުޖާއު ވިދާޅުވި އެވެ.
ސަންގެ ނޫސްވެރިން މިއަދު ފަނޑިޔާރު މިސްކިތް ހުންނަ ސަރަހައްދަށް ދިޔައިރު، އެމިސްކިތުގެ އިމާރާތް އެއްކޮށް ހެން ވަނީ ތަޅާލާފަ އެވެ. މިސްކިތުގެ އަސްލު ގަދީމީ އިމާރާތާއި އޭގެ ފަހުން އެއިމާރާތް ހިމާޔަތްކުރުމަށް ވަށައިގެން ލާފައިވާ ފާރުތައްވެސް އެއްކޮށް ވަނީ ތަޅާލާފަ އެވެ.
"ރިވައިވް" ޖަމިއްޔާއިން ބުނީ ގާތްގަނޑަކަށް 270 އަހަރުވެފައިވާ އާސާރީ ބިނާއެއް ތަޅާލުމުން އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި މިހާރު ތަޅާލާފައިވާ ފަނޑިޔާރު މިސްކިތް ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެކަން ހެރިޓޭޖް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ގެންދިއުމަށް ރިވައިވް ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.