ބ. އޭދަފުށީގައި ހުންނަ އެޓޯލް ކިއުޓް ފިހާރަ ފަޅާލައިގެން ވަގަށް ނަގާފައިވާ 200،000ރ. އަށްވުރެ ފައިސާއާއި ތަކެތި ހޯދައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި ދެ ކުދިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިއުޓް ފިހާރަ ފަޅާލާފައިވަނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 3:00 ކަންހާއިރު އެވެ. ފިހާރަތެރެއަށް ވަގުން ވަދެފައިވަނީ އެތަނުގެ ދޮރެއް ހަލާކުކޮށްލައިގެން ކަމަށްވެ އެވެ.

ފުލުހުން ބުނީ އެމައްސަލަ ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމަކުން ވަނީ އެތަނުން ވަގަށް ނަގާފައިވާ ތަކެއްޗާއި އެ ވައްކަމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. އެގޮތުން އެ ފިހާރާއިން ވަގަށް ނަގާފައިވާ 200،000ރ. އަށްވުރެ ގިނަ ފައިސާއާއި 68،000ރ އަށްވުރެ ގިނަ ފައިސާގެ އަގުހުރި ސާމާނު ފެނިފައިވަނީ، އެ ރަށު ބޯޅަދަނޑާ ދިމާލު އަތިރިމަތީގައި ހުރި ގަސްތަކެއްތެރޭގައި ފޮރުވާފައި ހުއްޓާކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިއުޓް ފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި މޮބައިލް ފޯނާއި ޖޯއި ސްޓިކް ފަދަ ތަކެތި ހިމެނެ އެވެ.

ފުލުހުން ބުނީ އޭދަފުށީ އެޓޯލް ކިއުޓް ފިހާރައިން ކުރި ވައްކަމުގެ މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.