ލ. ގަމުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ސީރިއެއް އަނިޔާތަކެއް ލިބުނު މީހަކު މާލެ ގެންނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން ބުނީ ރޭ އިރާކޮޅު ލ. ގަމު ޕޮލިސް ސްޓޭޝަން ކައިރީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ މީހަކަށް ކަމަށް ކަމަށާއި އޭނާގެ ބޯފަޅައިގެންގޮސް އަނގަ އާއި ނޭފަތުން ލޭ އަންނަމުންދާ ކަމަށެވެ. އަދި އޭނާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިރުތަށް ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.


ފުލުހުން ބުނީ އެ ތަނުން އެއް ސައިކަލު ދުއްވީ އުމުރުން 18 އަހަރު ވެސް ނުވާ ކުޑަކުއްޖެއް ކަމަށާއި އޭނާގެ އަތުގައި އިންޖީނުލީ އުޅަނދެއް ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށެވެ. އަދި ބުނީ އޭނާ އާ އެކު އެ ސައިކަލްގައި އިން 18 އަހަރުން ދަށުގެ ދެ ކުއްޖާ އާއި ސައިކަލް ދުއްވި ކުއްޖާ އަށް ވެސް އަނިޔާތައް ލިބިފައިވާ ކަމަށާއި އެ ދެ ކުދިންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންދާ ކަމަށެވެ.


ނަމަވެސް އެ ދެކުދިންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.  


އެ އެކްސިޑެންޓްގައި ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަށް ވެސް ފުލުހުން ބުނެ އެވެ.