02 Feb 2014, 13:48
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ މައިބަދައަށް ބަޔަކު މީހުން ރޭ ދިން ވަޅީގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ރޭ ދަންވަރު ލަންކާއަށް ގެންދިއުމަށް ފަހު އޮޕަރޭޝަން ކުރުމަށް މިހާރު ތިއޭޓަރަށް ވައްދާފައިވާ ކަމަށް އަލްހާގެ އާއިލާއިން ބުނެފި އެވެ.
އަލްހާން އަށް ފަރުވާދެމުން ގެންދާ ކޮލަމްބޯގެ ޓައުން ހޯލްގައި ހުންނަ ސެންޓްރަލް ހޮސްޕިޓަލްގައި ހުންނަވައިގެން އަލްހާންގެ ބައްޕަ މުހައްމަދު ފަހުމީ "ސަން"އަށް މިއަދު ވިދާޅުވީ އަލްހާން މިވަގުތު ވަނީ މައިބަދައިގެ އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ވައްދާފައި ކަމަށެވެ.
"މީގެ އިރުކޮޅެއް ކުރިން އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ވައްދާފައި މިވަނީ. ހީވަނީ ދެ ގަޑިއިރު ވަރުވާނެ ހެން،" އަލްހާންގެ ބައްޕަ ވިދާޅުވި އެވެ.
ފަހުމީ ބުނީ އަލްހާންގެ ހާލަތު މާލެއިން އޭނާ ގެނައިއިރަށް ވުރެ ސީރިއަސް ނޫން ކަމަށާއި އެހެން ނަމަވެސް އޭނަގެ ވައަތްފަރާތުގެ ފައިގައި ވާގި އަދިވެސް ނެތް ކަމަށެވެ.
"މައިބަދައަށް މިވަނީ ވަޅި ހަރާފައި. އެހެންވެ އޭގެ ސަބަބުން ވައަތު ފައި ހަރަކާތް ނުކުރެވޭ. އޮޕަރޭޝަނަށްފަހު ދެން އިތުރު އެއްޗެއް ދަންނަވަން އެނގޭނީ. މިކޮޅަށް ގެނައި އިރަށްވުރެ އަލްހާންގެ ހާލު ގޯހެއް ނޫން،" ފަހުމީ ވިދާޅުވި އެވެ.
އަލްހާނަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ރޭ 9:00 ހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ބްރޭކްވޯޓާ ރެސްޓޯރަންޓް ތެރެއިންނެވެ.
އަލްހާން ގަޔަށް ވަޅިހެރި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 18 އަހަރުގެ ޒުވާނަކު ހިމެނޭ އިރު އަނެއް ދެމީހުންގެ އުމުރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލްހާނަށް ހަމަލާދިން މީހުންގެ މުއްދަތު ޖެހުމަށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.