ހުޅުމާލޭގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށޭނެ ވަކި ދުވަހެއް މިހާރުގެ ހާލަތައް ބަލައި ބުނަން ނޭނގޭ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ ބެލްޖިއަމްގެ ޔެން ޑި ނަލް ކުންފުއްޏަށް ވެސް ފައިނޭންސް ހަމަނުޖެހޭތީ މަސައްކަތް ލަސްވަމުން އަންނަ ކަމަށެވެ. އަދި ފައިނޭންސް ހޯދުމަށް ބޭނުންވާ ޑޮކިއުމެންޓް ތަކާއި އެހެނިހެން އިދާރީ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ހުޅުމާލެ ހިއްކުމުގެ ޕުރޮޖެކްޓަކީ ކޮންޓްރެކްޓާ ފައިނޭންސް ޕުރޮޖެކްޓެއް، ފައިނޭންސް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އެކުންފުނިން ދަނީ ކުރަމުން، އަދި ނޭނގެ ދަންނަވާކަށް ޕުރޮޖެކްޓް ފެށޭނެ ދުވަހެއް" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ޑްރެޖިން އިންޓަނޭޝަނަލް ގެ އަތުން ވެސް އެޕްރޮޖެކްޓު ނަގާފައިވަނީ ހޯދަން ބުނި ތާރިހަށް ފައިނޭންސް ހޯދިފައި ނުވާތީ އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވެފައިވަނީ އެ ޕްރޮޖެކްޓަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ ޕުރޮޖެކްޓަކަށް ވާއިރު އެ ޕްރޮޖެކްޓަށް 60 މިލިއަން ރުފިޔާ ހޭދަވާ ކަމަށާއި އޭގެ ތެރެއިން 10 މިލިއަން ޑޮލަރަށް ވާ ވަރުގެ ކޭޝް ރިޒާވެއް މިވަގުތު އެ ކުންފުނީގައި ބަހައްޓާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 80 ޕަސެންޓް ކޮންޓްރެކްޓާ ގެންނަން ޖެހޭ ފައިސާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ހަމަޖެހިފައިނުވަނީ އެފައިސާ އެވެ.

ހުޅުމާލެ ހިއްކުމަށް ބުނެ ފަރުކޮޅުފުށި ރިސޯޓް އޮޕްރޭޓް ކުރުން މެދުކަނޑާލައިފައި ވީނަމަވެސް މިހާރު ވަނީ އަނެއްކާ އެރިސޯޓް ހިންގަން ބަޔަކާއި ހަވާލުކުރުމަށް ނިންމައިފަ އެވެ.

ހުޅުމާލެ ހިއްކުމުގެ މަޝްރޫއަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފަށަން އޭރު ނިންމި ޕުރޮޖެކްޓެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 230 ހެކްޓަރު އެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ. ފުރަތަމަ ފިޔަވަހީގައި 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް 188 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު އޭގެ ތެރެއިން 20،000 އަށް ވުރެ ގިނަ މީހުން މިހާރު ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށް އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.