02 Feb 2014, 11:51
މިހާރު ކުރިއަށްދާ އެލްމޯބައިލް ޔޫތު ޗެމްޕއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި އިއްޔެ ހަވީރު ގްރޫޕް ދޭއްގެ ވޭރު ސްޕޯޓްސް އަތުން 10-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އެ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ. މި މެޗުގައި ނިއުގެ ޒުވާން ފޯވާޑް އިބްރާހީމް ވަހީދު ވަނީ ވޭރު ކޮޅަށް ހަތަރު ލަނޑުޖަހައިފަ އެވެ.
ކޮންމެ ހާފަކު ފަސް ލަނޑު ފެނިގެން ދިޔަ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ވޭރުގެ ގޯލް ހުޅުވާލަދިނީ މެޗުގެ ތިން ވަނަ މިނިޓްގައި ކެޕްޓަން ހަމްޒަތު މުހައްމަދު އެވެ. އޭގެ ހަމިނިޓު ފަހުން ނިއުގެ ދެވަނަ ލަނޑު ޖަހައިދިނީ އިބްރާހީމް ވަހީދު އެވެ.
މެޗުގެ 12 ވަނަ މިނިޓުގައި ނިއުގެ ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ މަޖުދާން ސޯލިހް އެވެ. 24 ވަނަ މިނިޓުގައި އިބްރާހީމް ވަހީދު އޭނާގެ މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރި އިރު ނިއުގެ ފަސްވަނަ ލަނޑު އޭގެ ދެމިނިޓު ފަހުން ޖަހައިދިނީ އަބްދުﷲ ރަމީޒު އެވެ.
ނިއު އިން ކޮންޓްރޯލް ކުރަމުން ދިޔަ މެޗުގައި އެޓީމުގެ ހަވަނަ ލަނޑު 54 ވަނަ މިނިޓުގައި އަހްމަދު ހަސަން ކާމިޔާބު ކޮށްދިނެއެވެ. އަދި އޭގެ އަށް މިނިޓުފަހުން، ވޭރުގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނިއުގެ ހަތް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ކަރަމް އެވެ.
ނިއުގެ އަށް ވަނަ ލަނޑު އަދި އިބްރާހީމް ވަހީދު މި މެޗުގައި ހެދި ހެޓްރިކް ކާމިޔާބުކުރީ މެޗުގެ 68 ވަނަ މިނިޓުގަ އެވެ. އޭގެ ފަސް މިނިޓު ފަހުން އެޓީމުގެ ނުވަވަނަ ލަނޑު ޖަހައިދިނީ ހަމްޒާ މުހައްމަދު އެވެ. މިއީ މި މެޗުގައި ހަމްޒާ ޖަހައިދިން ދެވަނަ ލަނޑެވެ.
ނިއުގެ 10 ވަނަ ލަނޑު އަދި މެޗުގައި އިބްރާހީމް ވަހީދު ޖަހައިދިން ހަތަރު ވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 87 ވަނަ މިނިޓުގަ އެވެ. އޭގެ ކުޑަ އިރުކުޅެއް ކުރިން ވޭރަށް ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެޓީމު ވަނީ ނިއުގެ ގޯލަށް ވެސް ނުރައްކާ ކޮށްފަ އެވެ. ވޭރުގެ ކުޅުންތެރިޔަކު ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ނިއުގެ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ގްރޫޕްގެ ދޭއްގައި ބާކީ އެއް މެޗު އޮތްއިރު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ނިއު އޮތް އިރު، ހަމަ އެ އަދަދަށް ޕޮއިންޓު ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ތާވަލުގެ ދެ ވަނައިގައި އޮތީ ވައިކަރަދޫ އެފްސީ އެވެ. އަދި ތިން ޕޮއިންޓާއެކު ތިން ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތްއިރު މޭޗަކުން މޮޅުނުވެ ވޭރު އޮތީ ގްރޫޕުގެ ފުލުގަ އެވެ.
ގްރޫޕު ދޭއްގެ ފަހު މެޗުގައި ވައިކަރަދޫއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ. މި މެޗަކީ ކުއާޓާގެ ޖާގަ ކަށަވަރު ކުރުމަށް ދެޓީމަށް ވެސް މުހިއްމު މެޗެކެވެ.
ކުއާޓާ ފައިނަލްގެ މެޗުތައް އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ކުއާޓާގައި ވާދަކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމާއި ހުރިހާ ގްރޫޕެއް އެއްކޮށްލައިގެން ތިންވަނަ އަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ.