ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓުރިވަންޑުރަމްއަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ކުރަމުންދާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ މިއަދަކީ ހަނިމާދޫން ޓުރެވަންޑުރަމް އަށް ދަތުރުތައް ފެށިތާ އެއް އަހަރުވީ ދުވަސް ކަމަށާއި އެ ދަތުރުތަކަކީ އެ ކުންފުނީގެ ހަޔާތުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބު އަދި ބޮޑު ހިދުމަތެއް ކަމަށެވެ.

މިހާރު އިންޑިއާގެ ވިސާގެ ކަންކަމަށް ލުއި ކަމެއް ލިބިފައި ވާތީ މިހާރަށް ވުރެ ގިނަ ދަތުރުތައް އެރޫޓް މެދުވެރިކޮށް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.

"ވިސާ ކަންކަން މިވަނީ ވަރަށް ފަސޭހަވެފައި. އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުމަކީ މިހާރު ހަފްތާއަކު ދެ ދަތުރުކުރުމުގެ ބަދަލުގައި ޑިމާންޑަށް ބަލައި އެމިންވަރު އިތުރުކުރުން،" ނަޝާތު ވިދާޅުވި އެވެ.

އެކަންކަމުގެ ތަފްސީލް ވަރަށް އަވަހަށް ދެއްވާނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.

ހަނިމާދޫން ޓުރެވަންޑުރަމް އަށް ދަތުރުތައް މޯލްޑިވިއަން އިން ފެށި އިރު އެ ދުވަސްވަރަކީ އިންޑިއާ އަށް ދިއުމަށް ވިސާ ނަގަންޖެހޭ ދުވަސްވަރެކެވެ. އެހެންކަމަށް ވުމާ އެކު ހަނިމާދޫ މަގުން އިންޑިއާ އަށްދާ ދިވެހިންނަށް މޯލްޑިވިއަން އިން ދިޔައީ ވިސާ ހޯދައިދިނުމުގެ ހިދުމަތް ދެމުންނެވެ. ނަޝާތު އެކަން ސިފަކުރަނީ "ވަރަށް ބުރަ ބޮޑު މަސައްކަތެއް" ނަމަވެސް އެކުންފުނިން ދިން ބޮޑު ހިދުމަތެއްގެ ގޮތުގަ އެވެ.

ހަނިމާދޫ ޓްރެވަންޑުރަމް ދެކޮޅު ޓިކެޓް މޯލްޑިވިއަން އިން މިހާރު ވިއްކަނީ 263 ޑޮލަރު(4055ރ) އަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ 50 ގޮނޑީގެ ޑޭޝް ބޯޓުތަކެވެ.