02 Feb 2014, 10:44
އއ. މުށިމަސްމިނގިލީގައި ހިންގާ ސަފާރީ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ގެސްޓް ރޫމެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެއްޖެ އެވެ.
ރިސޯޓްގެ މެނޭޖްމަންޓްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރަށުގެ މެދުތެރެއިން އަރިމައްޗަކަށްވާ ގޮތަށް ހަދާފައި ހުންނަ ބީޗް ބަންގްލޯއެއްގައި ރޯވެފައިވަނީ ރޭ ފަތިހު ގާތްގަނޑަކަށް 4:30 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގައި އެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެހާދިސާ ހިނގި އިރު މިއަދު ފުރުމަށް ހަމަޖެހިފައިވާ ގެސްޓު ދެ މަފިރިން ވެސް ކޮޓަރީގައި ނިދާފައި ތިބި ކަމަށާއި ނަމަވެސް އެމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސެކިއުރިޓީއަށް އެ ބަންގަލޯގައި ރޯވެފައި ހުއްޓާ ފެނިގެން އޭނާ ރިޕޯޓް ކުރީ، ދެން ރިސޯޓްގެ ސްޓާފުން އެ ކޮޓަރި ތެރޭގައި ތިބި ގެސްޓުން ސަލާމަތް ކުރީ ވެސް،" އޭނާ ވިދާޅުވި އެވެ.
އެއީ ކިހިނެތް ހިނގައިދިޔަ ހާދިސާއެއް ކަމެއް މިހާތަނަށް އެނގިފައިނުވާ ކަމަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އަންގިރި ރިސޯޓް އެންޑް އޮޕަރޭޝަންގެ ފަރާތުން މެރީނާއެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަމުން އަންނަ އެ ރަށުގައި 84 ގެސްޓް ރޫމް ހުރެ އެވެ.