ފުލުހުން އިސްނަގައިގެން މުހިއްޔުއްދީން ސްކޫލްގެ ކުދިންނަށް ހާއްސަކޮއް ކުރިއަށްގެންދިޔަ "ބީރެޑީ" ކޭމްޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮއްފިއެވެ.

ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންނައް ހާއްސަކޮށްގެން ތިން ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕް ނިންމާލުމައްފަހު ކޭމްޕްގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮއްދެއްވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން އާދަމް އެވެ.

މުހިއްޔުއްދީން ސްކޫލްގައި އިއްޔެ ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ އެ ކޭމްޕް ގައި ދިރިއުޅުމުގެ ރީތި އާދަތަކާއި ޒިންމާދާރުވުމާއި އިހްތިރާމްކުރުން އަދި ތެދުވެރިވުމުގެ މުހިންމުކަމާ ބެހޭގޮތުން އެ ކުދިންނަށް ކިޔަވައިދީފައިވާނެ ކަމަށެވެ.

އޭގެއިތުރުން އާންމު އުޖްތިމާއީ ގަވާއިދުތަކަށް ކުދިން ހޭލުންތެރިކުރުވުމާއި ކުޅިވަރުގެ ތެރެއިން ޓީމް ބިލްޑިން އުނގަނައިދީ ފަޔާ ސޭފްޓީ ބޭނުންކުރާނެ ގޮތްތަށްވެސް އެ ކޭމްޕްގެ ތެރެއިން ދަރިވަރުންނަށް ކިޔަވައިދީފައި ވާކަމަށް ނަޝްވާ ވިދާޅުވިއެވެ. އަދި ބެލެނިވެރިންނައް ހާއްސަކޮއްގެން ބެލެނިވެރިކަމުގެ ހުނަރާބެހޭގޮތުން ބެލެނިވެރިންނަށް ވެސް މައުލޫމާތު ދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތައްފަހު މުހިއްޔުއްދީން ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ އެއީ އެ ސްކޫލަށް ވަރަށް މުހިންމު ކޭމްޕެއް ކަމަށާއި ކިޔަވައިދިނުމުގެ އިތުރުން މިފަދަ ކޭމްޕެއް ގެންދިއުމުން އާންމު މުޖުތަމައަށް ބޭނުންވާ ކަންތައްތައް އެކުދިންނައް އެނގިގެން ދިޔަކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރިޔައް އޮތް ތާގައިވެސް މިކަހަލަ ކޭމްޕްތަށް ރާއްޖޭގެ އެކި ހިސާބުގައި ކުރިޔައްގެންދަން ނިންމާފައި ވާކަމުގައެވެ. އެގޮތުން މިއަންނަ ހަފްތާގައި އިތުރު ސްކޫލެއްގައި އެ ކޭމްޕް ކުރިޔައްގެންދަން ނިންމާފައި ވާކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.