02 Feb 2014, 10:31
އިސްލާމްއާބާދު (ފެބްރުއަރީ 2): ޕާކިސްތާންގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ މައްޗަށް އެ ގައުމުގެ ސަރުކާރުން އުފުލާފައިވާ ގައުމަށް ޚިޔާނާތްތެރިވި ކަމުގެ ދައުވާގެ ޝަރީއަތަށް ހާޒިރުވެވަޑައިގަތުމުގެ އަމުރަށް މުޝައްރަފް ކިޔަމަންވެވަޑައިގެންފައި ނުވާތީ ހައްޔަރުކޮށްގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް އެ ގައުމުގެ ކޯޓަކުން އަމުރު ނެރެފި އެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ޝަރީއަތުގެ މަޖްލީހަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ސަލާމަތީ ކަންކަމާއި، އަދި ބަލިޙާލަތު ހުރިގޮތުން ކަމަށް ވިދާޅުވެ ކޯޓަށް ހާޒިރުވުމަށް ޕަރްވޭޒް މުޝައްރަފް މިހާތަނަށް ގެންދެވީ ދެކޮޅު ހައްދަވަމުން ކަމަށާއި އެހެންކަމުން މުޝައްރަފް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކުރާކަމުގަ އެވެ.
މުޝައްރަފް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރުނެރެފައި މިވަނީ ބޭސް ފަރުވާއަކަށް ޓަކައި ޤައުމުން ބޭރަށް ވަޑައިގަތުމަށް މުޝައްރަފް ކޯޓުގެ ހުއްދައަކަށް އެދިވަޑައިގެންފައި ވަނިކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު ކޯޓުން ބޭއްވި ޝަރީއަތުގެ މަޖިލީހަކަށް ހާޒިރުވުމަށް މުޝައްރަފް ކާރުކޮޅުގައި ދަތުރުކުރައްވަނިކޮށް އޭނާއަށް ވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވެވަޑައިގެންފަ އެވެ. މުޝައްރަފަށް ކުރިމަތިވެވަޑައިގެންނެވި ކަމަށް ވަނީ ހިތްޕުޅުގެ އެހާ ސީރިޔަސް ނޫސް އާލާސްކަންފުޅެކެވެ.
މިއާލާސްކަންފުޅާ ގުޅިގެން މުޝައްރަފް އަދި ވެސް ގެންދަވަނީ ޕާކިސްތާންގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ. ކޯޓުން ބުނެފައި ވަނި މުޝައްރަފް ފަރުވާ ހޯދަމުން ގެންދާ ހިތްޕުޅުގެ އާލާސްކަންފުޅަކީ ޕާކިސްތާނުގައި ވެސް ފަރުވާދެވޭ ބައްޔަކަށް ވާތީ މިކަމުގެ ބަހަނާގައި ޤައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދޭންނުޖެހޭކަމުގަ އެވެ.
މުޝައްރަފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޚިޔާނާތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ ހަތްވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފަ އެވެ. މުޝައްރަފާ ދެކޮޅަށް ޚިޔާނާތުގެ ދަޢުވާ ޕާކިސްތާނުގެ ދައުލަތުން އުފުލާފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނުގެ ޤާނޫނު އަސާސީ އަށް ޢަމަލުކުރުން ހުއްޓާލައްވައި އެގައުމުގައި ކުއްލި ހާލަތު އިއުލާނުކުރެއްވި މައްސަލައާ ގުޅިގެންނެވެ. (ރޮއިޓާސް)