02 Feb 2014, 10:24
ތެހެރާން (ފެބްރުއަރީ 2): އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލު ކުރުމަށް ޓަކައި އެގައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމަށް ހުޅަނގުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް 500 މިލިޔަން ޑޮލަރު ލިބިއްޖެކަން އެގައުމުން ކަށަވަރުކޮށްދީފި އެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޢައްބާސް ޢިރާޤްޖީ ވިދާޅުވީ މިއީ ހުޅަނގުން ފްރީޒްކޮށްފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއްގެ ތެރެއިން ދޫކުރި ބައި ބިލިޔަން ޑޮލަރު ކަމުގަ އެވެ. މިފައިސާ ލިބުނީ ސްވިސްޓްޒަލޭންޑްގެ ބޭންކެއްގައި ފްރީޒް ކޮށްފައިވާ އީރާން ސަރުކާރުގެ އެކައުންޓަކުން ކަމަށް ވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލު ކުރުމަށް ޓަކައި އެގައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު ވެފައިވާ އެއްބަސްވުން ބިނާވެފައި ވަނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރާ މިންވަރު ދަށްކޮށް ނިއުކްލިޔާ ބައެއް ހަރަކާތައް މަޑުޖައްސާލުމުން، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުގެ މައްޗަށެވެ.
މި އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން އީރާން ވެސް ވަނީ ޔޫރޭނިޔަމް ފައްކާކުރާ މިންވަރު ދަށްކޮށް ނިއުކްލިޔާ ބައެއް ޙަރަކާތްތައް މަޑުޖައްސާލިކަން އިޢްލާންކޮށްފަ އެވެ. މިއާ އެކު ހުޅަނގުން ވަނީ އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދުނިޔޭގެ ގައުމުތަކާ އެކު އީރާން ހިންގާ ބޭންކުގެ މުޢާމަލާތްތަކަށް ވެސް ލުއިދޭންފަށާފަ އެވެ.
މިލުއިތަކާ އަދި ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާގެ ބައެއް މިއެއްބަސްވުމުގެ ދަށުން އީރާނަށް ލިބޭއިރު މިއެއްބަސްވުމުގެ މުއްދަތު ކަމަށްވާ ހަ މަސް ދުވަހުގެ ތެރޭގައި 12 ވަރަކަށް ބިލިޔަން އެމެރިކާ ޑޮލަރު (ނަގުދު ފައިސާގެ ގޮތުގައި) އީރާނުގެ އިގްތިސާދަށް ވަދެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)