މިހާރު ރާއްޖެ އަށް ޒިޔާރަތްކޮށްގެން އުޅޭ އިސްރާއީލުގެ "ޔަހޫދީ" ޑޮކްޓަރުންގެ ޓީމު އައްޑު އަތޮޅު ހިތަދުއަށް ދިއުމުން އެ މީހުންނާ ބައްދަލުކުރަން ދިޔަ އެ ރަށުގެ ބައެއް މީހުންނާ ބޭއަދަބީކޮށް މުހާތަބު ކުރިކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.


‹"މިހާރު މެންދުރު ނަމާދަށް މެދުކަނޑާލާފައި މި އޮތީ. އެކަމު މެންދުރު ފަހުން އިރާދަކުރެއްވިއްޔާ ވަރަށް ގަދައަށް ޖައްސާނަން. އެމީހުން މިތަނުން ފައިބަންދެން އެކަން ކުރިއަށްދާނެ.›


އިސްރާއީލީ ޑޮކްޓަރުންނާ ބައްދަލުކުރުމަށް ދިޔަ ހިތަދޫ ރައްޔިތެއް ކަމަށްވާ ޝަރަފުއްދީން ކިޔާ މީހަކު މިއަދު ބުނީ ގާތްގަނޑަކަށް ވިއްސަކަށް މީހުން ވެގެން، ޑޮކްޓަރުންގެ އިޒުނައާ އެކު ކޮންޝަލްޓޭޝަން ރޫމްއަށް ވަދެ އެމީހުންނާ ބައްދަލުކޮށް ރައްޔިތުންގެ ޝުއޫރުތައް ކިޔައި ދިނުމުން ޑޮކްޓަރުން އެމީހުންނާ އެއްވެސް ވާހަކައެއް ނުދައްކައި "މޫނު ކުނިކޮށް" ހޮސްޕިޓަލު ތެރޭގައި އަޑުގަދަ ކުރިކަމަށް އޭނާ ބުންޏެވެ.


"އަޅުގަނޑުމެން އެ ޑޮކްޓަރުން މިތަނަށް އައިމާ މަރުހަބާ ވެސް ކިއިން. އެކަމު އަޅުގަނޑުމެން އެދުނީން ތިޔައީ ރައްޔިތުން ހިތްއެދޭ ގޮތެއް ނޫނޭ. ރައްޔިތުންގެ ހިތެއް ނުރުހެއޭ [ކަލޭމެން މިތަނަށް އަންނާކަށް]. ބުނީމާ އެ މީހުން މޫނުކުނިކޮށްފައި ބުނީ "އިނަފް އިޒް އިނަފު" [ މިހާރު ފުދިއްޖެ] އޭ، ބުރިންގު ދަ ޕޮލިސް ހިއާ އޭ، [ފުލުހުން މިތަނަށް ގެންނާށޭ] ކިޔާފައި އަޑުގަދަ ކުރީ އެތާނގައި. އަދިވެސް ވަރަށް  ހަޑިކޮށް މުހާތަބުކުރި،" އޭނާ ބުންޏެވެ.


ޝަރަފުއްދީން ބުނީ ޑޮކްޓަރުންނަކީ ޕުރޮފެޝަނަލް ބައެއް ކަމަށްވެފައި އެގޮތަށް އެމީހުން ރައްޔިތުންނާ މުހާތަބުކުރުމުން ގިނަ މަދަނީ ޖަމުއިއްޔާތަކުން ވެސް ބައިވެރިވާ ގޮތަށް މުޒާހަރާއެއް ހޮސްޕިޓަލުގެ ދޮރުމަތީގައި މިހާރު ކުރިއަށް ގެންދާ ކަމަށާއި އެ ޑޮކްޓަރުން އެ ރަށުން ފައިބަންދެން އެ މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.


"އެމީހުން ރީތި ގޮތުގައި ދަންޏާ އަޅުގަނޑުމެންނަށް ކިޔުނު ގޮތަކުން ރަތް ދޫލައިގެ މަރުހަބާ ވެސް ކިޔާނަން." ޝަރަފުއްދީން ބުންޏެވެ.


ފުލުހުން ވެސް ވަނީ އެފަދަ ކަމެއް ހިނގާފައިވާކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އެހެނަސް ހިތަދޫ ހޮސްޕިޓަލުން ފޯނަށް ޖަވާބުނުދޭތީ ހޮސްޕިޓަލުގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.


އިޒުރޭލުގެ ލޮލުގެ ފަރުވާދޭ ހަތަރު ޑޮކްޓަރުންނާ އެކު އައި އަށް މީހުންގެ ޓީމާ ދެކޮޅަށް އަދާލަތު ޕާޓީ އާއި އަމިއްލަ ޖަމިއްޔާ، ޖަމާތްތަކުން ނުރުހުންފާޅުކުރަމުންދާ އިރު، އިޒްރޭލުގެ ޑޮކްޓަރުން ވަނީ އައިޖީއެމްއެޗްގައި ބަލި މީހުން ބަލައިފަ އެވެ.


އައި ފްރޮމް ޒަޔަން ގެ ލޮލުގެ ޑޮކްޓަރުންގެ ޓީމު ރާއްޖެ އިން ބޭރު ކުރުމަށް ބަޔަކު ގޮވާލާއިރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ އެ މީހުންނާ ބައްދަލުކުރައްވައި އެ މީހުންގެ މަސައްކަތަށް ހިތްވަރުދެއްވައިފަ އެވެ.


އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒަޔަން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒަޔަން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައި ވަނީ "ޒައަން" މި ބަހުންނެވެ. "އައި ފްރޮމް ޒަޔަން" ގެ ބޭރުފުށުގެ މާނައަކީ "ޔަހޫންދީންގެ ފަރާތުން ލޮލެއް" ކަމަށް ވިޔަސް މީގައި ފޮރުވިފައިވާ މާނައަކީ "އަހަންނަކީ ޔަހޫދީންގެ ތެރެއިންވާ މީހެއް" ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެ އެވެ.