24 Mar 2010, 15:43
19:00
ލ. ގަމުގެ ވަކި ހިސާބަކަށް ނަރުދަމާ ނިޒާމް ގާއިމްކޮށްދޭ ކަމަށް ބުނެ، ރައްޔިތުންގެ ތެރެއިން ބަޔަކު އެކަން ހުއްޓުވުމަށް ނުކުތުމުން ފުލުހުންނާއި އާމުންނާ ދެމެދު ހަމަނުޖެހުން ހިނގައި، ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ގަމުން ވާހަކަ ދެއްކި މީހަކު ސަންއެފްއެމްއަށް ކިޔައިދިން ގޮތުގައި އެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ހިސާބަކަށް ނަރުދަމާ ނިޒާމް ގާއިމްކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާއިރު، ގަމު ތުނޑީ އަވަށަށް ނަރުދަމާ ނިޒާމް ގާއިމްކޮށްނުދޭތީ، އެ ކަމާ ހިތްހަމަނުޖެހިގެން، އެ ރަށުގައި ނަރުދަމާ ނިޒާމް ގާއިމް ކުރަން ފަށައިފައިވާ ސަރަހައްދަށް އެއްވެ މިއަދު ހަވީރު ރައްޔިތުންގެ ތެރެއިން ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް، ފުލުހުން އެތަނަށް ގޮސް އެތާނގައި ތިބި މީހުންނަށް ނަސޭހަތްތެރިވަމުން ދަނިކޮށް، ފަހުން ޒުވާބަކަށް ބަދަލުވެ، ފުލުހުންނާއި އާމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިދިޔައީ ކަމަށެވެ.
ގަމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ އެ ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ކަމަށް ހުރަސް އަޅަމުންދިޔަ މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.