ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަތަކަށް އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ވެސް ނެރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ހެނދުނު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަން ތެރެއިން އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ނެރުމަށް ޖޭޕީއާ އެކު ކުރި މަޝްވަރާތައް ނިމިފައިވާ ގޮތުން ޖޭޕީއަށް ކޯލިޝަން ތެރެއިން ކަނޑައަޅާފައިވާ 28 ދާއިރާ އަށް އަދާލަތުގެ ކެންޑިޑޭޓުން މިހާރު ނެރުމަކީ އެ ޕާޓީގެ ސުލޫކީ ޒިންމާއިން ބޭރުވާ ކަމެއް ނޫން ކަމަށެވެ.

އެހެން ކަމުން އެ ޕާޓީން މިހާރު ނިންމާފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަން ތެރެއިން ޖޭޕީއަށް ކަނޑައަޅާފައިވާ 28 ދާއިރާގެ ތެރެއިން އަދާލަތަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް އުއްމީދުކުރެވޭ ދާއިރާތަކަށް ވާދަކުރުމަށް ކަމަށް އެ ބަޔާނުގައިވެ އެވެ.

"ޕްރޮގްރެސިވް ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓީ ވާދަކުރާ 28 ދާއިރާއަށް ޢަދާލަތު ޕާޓީ އިން ވާދަކުރުމަކީ މިޕާޓީގެ ސުލޫކީ ޒިންމާއިން ބޭރުވާކަމެއްކަމުގައި މިހާރު ނުދެކެމެވެ. ވީމާ އެ 28 ދާއިރާގެ ތެރެއިން ޢަދާލަތު ޕާޓީ އިން ވާދަކޮށްގެން ކާމިޔާބުކުރެވިދާނެ ކަމަށް އުންމީދުކުރެވޭ ހުރިހާ ދާއިރާތަކަށް، މިޕާޓީގެ ލަޔާގަތާއި ގާބިލިއްޔަތުކަން ތަންދިން އެންމެ މަތީދަރަޖައެއްގައި ވާދަކުރާނެކަމުގެ ޔަގީންކަން މިޕާޓީގެ އެންމެހާ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވަމެވެ."

މިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރި ޕާޓީއާ އެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރި އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ޖުމްހޫރީ ޕާޓީ އަށް ވަނީ ހޫނު ހަމަލާތަކެއްދީފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންތެރެއިން މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ނެރުމަށް ޖެޕީއާ އެކު ކުރި މަޝްވަރާތަކުގައި އަދާލަތުން އެދިފައި ވާނީ އަދާލަތަށް އެންމެ ތާއިދު ބޮޑު ފަސް ދާއިރާގެ ތެރެއިން ހަތަރު ދާއިރާއެއް ދިނުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ޖޭޕީން ބޭނުންވީ އަދާލަތު ބޭނުންވި ހަތަރު ދާއިރާ ނޫން "އަދާލަތަށް ތާއިދު އެންމެ ކުޑަ ދާއިރާތައް ދިނުމަށް" ކަމަށް ބުނެފައިވެ އެވެ. ހަމަ އެހެންމެ ޖޭޕީން ބޭނުންވީ އަދާލަތު ޕާޓީ ބޭނުންކޮށްގެން ވީހާ ވެސް ގިނަ ގޮނޑި ޖޭޕީ އިން ކާމިޔާބު ކުރުމަށް ކަމަށް ވެސް ޖޭޕީ އަށް ދީފައިވާ ރައްދުގައި ބުނެފައިވެ އެވެ.

"ޖުމްހޫރީ ޕާޓީން މަސައްކަތްކުރީ ނަމެއްގައި އަދާލަތު ޕާޓީ އަށް ދާއިރާއެއް ދޫކޮށްފައި، އޭގެ ބަދަލުގައި ބޮޑެތި ޝަރުތުތަކެއް ކުރިމަތިކޮށް އަދާލަތު ޕާޓީ އަށް ރައްޔިތުން ކުރާ އިތުބާރާއި ތާއިދުމެދުވެރިކޮށް އިންތިހާބުގައި ވީހާ ވެސް ގިނަ ގޮނޑި ޖުމްހޫރީ ޕާޓީއަށް ކާމިޔާބުކުރުމަށެވެ." އަދާލަތުގެ ނޫސްބަޔާނުގައިވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭ އަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ކުރިމަތިލުމާ ގުޅޭ ގޮތުން އަދާލަތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.